ވ.އަތޮޅުގައި ފަރުމަސްވެރިކަން ކުރުމަށްފަހު މާލެއަށް ދަތުރުކުރި "މަގުލަސް" ނަމަކަށް ކިޔާ ދޯންޏެއް މާލެ އަތޮޅު ފުށިދިއްގަރުފަޅުގެ އިރުމަތީ ފަރާތު ފަރަށް އަރައި، އޭގައި ހުރި ބައެއް ސާމާނު އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރައްވާ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.
ފަރަށް އެރުމުގެ ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ދަންވަރު 01:23 ހާއިރު ކަމަށެވެ . ފަރުމަސްވެރިކަން ކުރާ، 80 ފޫޓް ހުންނަ މި ދޯނި، ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑަންގެ ޑައިވަރުންގެ ޓީމެއް ކޯސްޓްގާޑުގެ ލޯންޗުގައި ގޮސް، މިހާރު އެ ސަރަޙައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
މިހާދިސާ ހިނގިއިރު، އެ ދޯނީގައި 5 މީހުން ތިބިއިރު، އޭގެ ތެރޭގައި ދިވެއްސަކާއި 4 ބިދޭސީން ހިމެނެއެވެ. އެންމެންގެ ހާލު ވެސް ރަނގަޅެވެ.
މި ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާއި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.