ނިމިގެންދިއަ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ނާކާމިޔާބުވުމުގެ ޒިންމާ އުފުލަން ޖެހޭނީ އަދުރޭ އާ ނިހާނު ކަމަށް ޕީޕީއެމްގެ އިސް ގިނަ ބައަކު އެއްބަސްވާކަން ހާމަވެއްޖެއެވެ.
ނިމިގެންދިއަ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ނާކާމިޔާބުވުމުގެ ޒިންމާ އުފުލަން ޖެހޭނީ އަދުރޭ އާ ނިހާނު ކަމަށްބުނެ ރުމާލު-2 ގެ ނަމުގައި ހިންގާ "ފޭކް" އެކައުންޓަކުން ކުރި ޓްވީޓަކާއި ގުޅިގެން މިއަދުނޫހަށް މައުލޫމާތުދިން ޕީޕީއެމްގެ އިސް ގިނަ ބައަކު ބުނީ "އެއީ ފޭކް އެކައުންޓެއް" ކަމަށާއި ނަމަވެސް ބުނެފައި އެވަނީ ޙަޤީޤަތް ކަމަށެވެ.
މިމޭރުމުން ވިދާޅުވި ބޭފުޅުންގެތެރޭގައި ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ އިސް ބައެއް ބޭފުޅުންނާއި ކެންޕޭނުގައި އިސްކޮށް ޙަރަކާތެރިވި، އަދި މިހާރުވެސް ރައީސް ޔާމީނާއި އެކު ތިއްބެވި ބައެއް ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.
"ހާމަވަމުން މިދާ ކަންކަމުގެ ތެރެއިން ޕީޕީއެމް ގެ ރިޔާސީ ކެންޕޭނަށް ޚަރަދުކުރި ފައިސާގެ ބޭނުން ކުރެވުނު ގޮތްތަކާއިބެހޭ ގޮތުން މައްސަލަ އުފެދޭނެއެވެ. ގިނަ ބައެއްގެ ކަންކަން ފަޅާއަރާނެއެވެ. ބައެއްގެ މައްޗަށް ދައުވާ ތަކެއްވެސް ކުރެވޭނެއެވެ." މިފަދަ މޭރުމުންވެސް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިކބު ކައިރިވެގެން އައި ދުވަސްވަރު ޕީޕީއެމްގެ ބައެއް މަޖިލިސް މެންބަރުން ދޮޅު ލައްކަ އާއި ކައިރިކުރާ އަދަދުތަކުން އެއްފަހަރާ ޑޮލަރު ގަތް ކަމުގެ ވާހަކަތަކެއްވެސް ދަނީ ފެތުރެމުންނެވެ. އެއީ ގާތްގަނޑަކަށް 2.4 މިލިއަން ރުފިޔާ އެވެ. އެނގޭ ކަމަކީ ކެންޕޭނުގައި ރައްޔިތުންނަށް ބަހަން މިހައި ގިނަ އަދަދެއްގެ ޑޮލަރު ބޭނުން ނުވާނެ ކަމެވެ.
ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި ރިޔާސީ އިންތިޚާބުގެ ކުރިން އިންތިޚާބާއިމެދު ޕީޕީއެމުން އެއްވެސް މައްސަލައެއް ނުޖެއްސީ ރިޔާސީ އިންތިޚާބުގެ ހުރިހާ ކަމެއް ޕީޕީއެމުން ބޭނުންވިހައި ގޮތަކަށް އިލެކްޝަންސް ކޮމިޝަނުން ކޮށްދެމުން އައުމުންނެވެ. އެހެންކަމާއިއެކުވެސް އިންތިޚާބު ނާކާމިޔާބުވުމުން އިލެކްޝަންސް ކޮމިޝަނާއި ދެކޮޅަށް ދައުވާ ކޮށްފައިވާއިރު ނިހާން އާއި އަދުރޭގެ މައްޗަށްވެސް ކޮންމެވެސް ތުހުމަތުތަކެއްކޮށް ދައުވާ އުފުލުމަކީ ވަރަށް ކައިރި ކަމެއް ކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ.
ޤަވާއިދާއި ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ކުރި އެއްވެސް ކަމެއް އެއިރު ޕީޕީއެމަށް ނުއެނގޭ ކަމަށް މިހާރު ބައެއް ސަޕޯޓަރުންނާއި މަޖިލިސް މެންބަރުން ޓީވީތަކުގައި ބުނި ނަމަވެސް އެއީ ދޮގެއްކަމަށް ރައީސް ޔާމީނުގެ އިސް ޤާނޫނީ ވަކީލު ރޭނިސް ސަލީމް ވަނީ ވިދާޅުވެފައެވެ. ސަލީމް އެކަން ހާމަކުރައްވާފައިވަނީ މައްސަލަ ހުށަހެޅުމަށްފަހު މީޑިއާއަށް ދެއްވި ބަޔާނުގައެވެ.