ފުށިދިއްގަރު ފަރަށް އެރި "މަގުލަސް" ދޯނި ފުން ކުރެވިއްޖެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި، ފަރަށް އެރި ދޯނި ފުންކުރެވިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ނަމަވެސް އެދޯނި އަޑިއަށްދާތީ ތާނގީ ޖަހައިގެން ދޯނި ފެނުން މަތީގައި ހިފެހެއްޓުމުގެ މަސައްކަތަށް އެހީތެރިވަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
"މަގުލަސް" ދޯނި ފަރަށް އަރާފައިވަނީ ވ. އަތޮޅުގައި ފަރުމަސްވެރިކަން ކުރުމަށްފަހު މާލެއަށް ދަތުރުކުރުމުގެ ތެރޭގައެވެ.
މިދޯނި ފަރަށް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ ރޭ ދަންވަރު 1:23 ހާއިރުއެވެ. ދިގުމިނުގައި 80 ފޫޓު ހުންނަ މަގުލަސް ދޯންޏަކީ ފަރުމަސްވެރިކަން ކުރާ ދޯންޏެކެވެ.