ދިވެހިބަހުން އިންޑިއާގެ ބޮޑުވަޒީރު މޯދީ ކުރެއްވި ޓްވީޓައި ގުޅިގެން ދިވެހިބަހުގެ އަކަޑެމީގެ ރައީސް އަޝްރަފް އަލީ ޝުކުރުގެ ޕޯސްޓެއް ކުރައްވައިފިއެވެ.
އަޝްރަފުގެ ފޭސްބުކު އެކައުންޓުން ކުރި ޕޯސްޓުގައި އެއީ ބޮޑު ކަމެއްގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ. އަދި އެ ސްޓޭޓަސްގައި ވިދާޅުވީ އާބާދީ ބޮޑު، ބާރާއި ނުފޫޒު ގަދަ ގައުމެއްގެ ވެރިޔަކު އޭނާގެ އަމިއްލަފުޅު ޓުވީޓަރ އެކައުންޓުން ދިވެހި ބަހުން ޓުވީޓު ކުރެއްވުމަކީ ދިވެހި ބަހުގެ މައްޗަށް ދުނިޔޭގެ އެތައް ލޮލެއްގެ ސަމާލުކަން ހުއްޓޭނެ ކަމެއްކަން ކަށަވަރު ކަމަށެވެ. އަދި މިއީ ވަރަށްބޮޑު ކަމެއް ކަމަށެވެ.
މޯދީއަށް ޝުކުރު އަދާކުރަމުން އަޝްރަފު ވިދާޅުވީ، މިއީ ޝުކުރުވެރިކަމާއެކު ބަލައިގަންނަން ޖެހޭނެ ކަމެކެވެ. ވަކީން ހާއްސަކޮށް ތާނަ އަކުރުން މެސެޖު ކުރެއްވިކަން މިއީ އަދުގެ ސުމޭކު ދުނިޔޭގައި ތާނައަށް އޮތް ފަހިކަން ހާމަވާ އަލިގަދަ ހެއްކެއް ކަމުގައިވެސް އަޝްރަފް ވިދާޅުވެފައިވެއެވެ.
މޯދީގެ ޓްވީޓަށް ރާއްޖެއާއި، ބައިނަލްއަޤުވާމީ އެތަށް ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.