ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ސަރުކާރުން ދޫކުރި ފަސް ރަށެއް ޤާނޫނާ ޚިލާފަށް އަތުލި ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވަނިކޮށް، އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމުން، އެކޮމިޝަނުން ވެސް އެމައްސަލަ ގާސިމާއި އެއްކޮޅަށް ނިންމައިފިއެވެ.
ވިލާ ކުންފުންޏަށް ސަރުކާރުން ދޫކުރި ފަސް ރަށެއް އަތުލީ ގާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައި އެރަށްތަކުގެ މައްސަލަ އެކުންފުންޏާއި އެއްކޮޅަށް ސުޕްރީމް ކޯޓުން ނިންމީ މިދިޔަ އޭޕްރިލް މަހުގައެވެ. ސުޕްރީމް ކޯޓުން އެހުކުމް ކޮށްފައިވަނިކޮށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެމައްސަލަ އަނބުރާ އޭސީސީ އަށް ހުށަހަޅާފައެވެ.
ގާސިމް އިބްރާހިމް އަތުން އަތުލުމަށް މަސައްކަތް ކޮށްފައިވާ ފަސް ރަށަކީ ތ. އެލާ އާއި ގދ. ގަޒީރާގެ އިތުރުން ރ. މާނެންފުށި އަދި ކ. ބޮލިދުއްޕަރު ފަރުގެ އިތުރުން ކ. ވާވެއްދިފަޅެވެ.