ރައީސް ޔާމީނުގެ ފަރާތްޕުޅުން ރިޔާސީ އިންތިޚާބު ބާޠިލުކުރަން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު އިންތިޚާބުގެ ނަތީޖާ ބަދަލުވާނެ އެއްވެސް ކަމެއް ހުށަހަޅާފައި ނެތުމުގެ އިތުރުން ނަތީޖާ ބަދަލުވެދާނެ ފަދަ ކަމެއްވެސް ސްޕރީމް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށް ޤާނޫނީ ވަކީލު ޙިސާން ޙުސައިން ވިދާޅުވެއްޖެއެވެ.
ސްޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޙިސާން ވިދާޅުވީ ރއީސް ޔާމީނުގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހެޅި އެއްވެސް ޝަކުވާއެއް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ޤަރީނާއެއް ހުށަހަޅާފައި ނެތް ކަމަށެވެ.
ހިސާން ވިދާޅުވީ ކޯޓުތަކަށް ހުށަހަޅާ މައްސަލަ ސާބިތުކުރަން ބޭނުންވާ ހެއްކާއި ޤަރީނާ ހުށަހެޅުމަކީ ހުށަހަޅާ ފަރާތުން ކުރަންޖެހޭ ކަމެއް ކަމަށާއި އެއީ މައްސަލަ ބަލާ ކޯޓުން ކޮށްދޭންޖެހޭ ކަންކަން ނޫން ކަމަށެވެ.
ސްޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާޤުން މިއަދު ކުރި ޙުކުމުގައި ވަނީ ސެޕްޓެމްބަރު 23ގައި ބޭއްވި ރިޔާސީ އިންތިޚާބު ބާޠިލުކުރަންޖެހޭ އެއްވެސް ސަބަބެއް ރައީސް ޔާމީނު ހުށަހަޅާފައި ނުވާކަމަށާއި އިންތިޚާބަކީ ޞައްޙަ އިންތިޚާބެއް ކަމަށެވެ.
ސްޕްރީމް ކޯޓުން މިއަދު ކުރި ޙުކުމަށް ބަލާއިރު ރައީސް ޔާމީނު ހުށަހެޅުއްވި ހަމަ އެއްވެސް ކަމެއް ހިނގާފައިވާކަން ސާބިތުކޮށްދޭން ހަމަ އެއްވެސް ކަމެއް ހުށަހަޅާފައި ނުވާކަން ވަނީ ފާހަގަ ކޮށްފައެވެ. އަދި އެއިން ކަމެއް ހިނގާފައިވަނީ ކޮން ތަނެއްގައިކަންވެސް ބުނެ ދެވިފައެއް ނުވެއެވެ.
ރާއްޖޭގެ ތާރީޚަށް ބެލި ނަމަވެސް މިއަދުގެ ޝަރީއަތް ވެގެންދާނީ ތާރީޚީ އަޑު އެހުމަކަށެވެ. ނަމަވެސް ރައީސް ޔާމީނު ކަންކަން ކުރައްވާފައިވާ ގޮތަށް ބަލާއިރު ހަމަ ޢާންމު ކަމަކަށެވެ. އެއީ މީހަކު ހައްޔަރުކުރައްވައި އަނިޔާ ކުރައްވަން ބޭނުންފުޅުވުމުން އެކަން ކުރަވަމުން ގެންދަވާފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށް ބައްލަވައިގެން ކަމަށްނުވާތީއެވެ. ހަމަ ބޭނުންފުޅުވުމުން ހައްޔަރުކުރައްވައި އަނިޔާ ކުރައްވަމުން ގެންދެވީތީއެވެ.
އެހެންކަމުން ރައީސް ޔާމީނަށް ހީފުޅު ކުރެއްވިފައި އޮތީ ރިޔާސީ އިންތިޚާބުގެ ނަތީޖާ ވެސް ހަމަ އެމަނިކުފާނު ބޭނުންފުޅުވާހައި ގޮތަކަށް ބަދަލުކޮށްލެއްވިދާނެ ކަމަށް ކަމުގައިވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.