ރައީސް ޔާމީނާ އެމަނިކުފާނުގެ ވަކީލުންގެ ބުއްދި ސަލާމަތުން ހުރިކަމާއިމެދު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ހަސަން ޙަބީބް ސުވާލު އުފައްދަވައިފިއެވެ.
23 ސެޕްޓެމްބަރުގެ ރިޔާސީ އިންތިޚާބާއި ގުޅިގެން ރައީސް ޔާމީނު ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޙުކުމް ކުރުމަށް މިއަދު ސްޕްރީމް ކޯޓުގައި ބޭއްވި ޙުކުމް ކުރުމުގެ މަޖިލީހަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޙަބީބް ވިދާޅުވީ 23 ސެޕްޓެމބަރުގައި ބޭއްވި ރިޔާސީ އިންތިޚާބަކީ ޤާނޫނާއި ޤަވާއިދާއި ޚިލާފަސް ބޭއްވި އިންތިޚާބެއް ކަމަށާއި އެ އިންތިޚާބު އެއްވެސް ފަރާތަކުން ބާޠިލުކުރާނެ ކަމަށް ބުއްދި ސަލާމަތުން ހުރި ހަމަ އެކަކުވެސް ޤަބޫލު ނުކުރާނެ ކަމަށެވެ.
ޙަބީބް ވިދާޅުވީ ރާއްޖޭގެ އިންތިޚާބުތަކާއިބެހޭ ޤާނޫނާއި އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު ހަދާފައި އޮތީ އިންތިޚާބުތަކުގައި އެއްވެސް މަކަރެއް ހެދޭނެ ގޮތަކަށް ނޫން ކަމަށެވެ. "ފަރުދީ ޒިންމާ އަދާކޮށްފިނަމަ މަކަރު ހެދޭނެ ނިޞްބަތަކީ ހަމަ ސުމެއް. އެހެންވީމަ އެނެމެނޗގެ ކުރިމަތީގަ ލީ ވޯތެއް. އެންމެންގެ ކުރިމަތީގަ ގުނައި އެންމެންގެ ކުރިމަތީގައި ނަތީޖާ އިއުލާނުކުރީ. އެހެންވީމާ އެވޯޓު ބާޠިލުކުރެވޭނެ ގޮތެއްވެސް ނޯންނާނެ."
ޙަބީބް ވިދާޅުވީ އީސީގެ މެންބަރުން ތިބޭނީ ނަޒާހަތްތެރިކަމާއިއެކުގައި ކަމަށާއި "އެހެން" ދައްކާ ބިރަކަށް އެއްވެސް ޖެހިލުމެއްވެސް ނުވާނެ ކަމަށާއި ތިބޭނީ ވެސް ހަމަ ހައްޤު ގޮތުގައި ކަމަށެވެ.
ޙަބީބް ވަނީ އިންތިޚާބު ބޮޑުތަނުން ނާކާމިޔާބުވުމުން އިލެކްޝަންސް ކޮމިޝަނާއި ކޮމިޝަނުގެ މެންބަރުން ބަދުނާމުކޮށް ފަޟީޙަތް ކުރަން ރައީސް ޔާމީނުގެ ފަރާތްޕުޅުން އެތައް ގިނަ ކަންތައްތަކެއް ކުރަމުން ގެންދިއައިރުވެސް އެކޮމިޝަނަށް ތާއީދުކޮށް އިތުބާރު ކޮށްގެން ތިބި ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.
ޙަބީބްގެ ވާހަކަފުޅު (އޯޑިއޯ):