ނިމިދިޔަ ރިޔާސީ އިންތިހަބު އޮޅުވާލާފައިވާ ކަމަށް ގޮވާ އަޑުއުފުލަމުން، ޕީޕީއެމް އިން އެއްވުންތައް ބާއްވަމީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އެކަން ހުއްޓުވައި ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުލުސް އޮފީހުގައި އެދިއްޖެއެވެ.
ރިޔާސީ އިންތިހާބުން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބޮޑު ތަފާތަކުން ބަލިވުމުން، އެއިންތިހާބުގެ ނަތީޖާ ފުރަތަމަ ޤަބޫލު ކުރެއްވުމަށްފަހު، އެމަނިކުފާނު ވަނީ ނަތީޖާ ޤަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ޕީޕީއެމް ގެ ގިނަ ބަޔަކު ވަނީ އީސީގެ ރައީސް އާއި މެމްބަރުން އިންތިހާބުގެ ވޯޓު އޮޅުވާލި ކަމަށާއި ރިޝްވަތު ނެގި ކަމަށް ވެސް ތުހުތަމުކޮށް އަޑުއުފުލާފައެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް "ސަންގު ޓީވީ" ގެ ޕްރޮގްރާމެއްގައި ރޭ ވިދާޅުވީ، ޕީޕީއެމް އިން އެއްވުންތައް ބާއްވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނުގެ އެއްވަނަ އިސްލާހާ ޚިލާފަށް ކަމަށް އެޕާޓީއަށް އަންގާފައިވާ ކަމަށާއި ޤާނޫނާއި ޚިލާފު އެއަމަލު ހުއްޓުވައި ދޭން ފުލުސް އޮފީހަށް ސިޓީއެއް ހުށަހަޅާފައިވާ ކަމަށެވެ.