ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މަޤާމުގެ ހުވާ ކުރެއްވުމަށް ޤާނޫނީ އެއްވެސް ހުރަހެއް އޮތްކަމަށް ޤަބޫލު ނުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ 5 މެންބަރުންގެ އިއްތިފާޤުން ނިންމައިފިއެވެ.
އީސީގެ ނައިބް ރައީސް އަޙްމަދު އަކްރަމް މިއަދު ވިދާޅުވީ އެގޮތަށް ނިންމީ 2013 ވަނަ އަހަރު އެކޮމިޝަނުން ފޮނުވާފައިވާ ސިޓީގެ މައްޗަށް ބަލައިގެން ކަމަށެވެ. އަދި އިންތިޚާބު ބާއްވާފައިވާނީ 11 ވަނަ ދުވަހު ހުވާކުރި ނަމަވެސް އަދި 17 ވަނަ ދުވަހު ހުވާކުރި ނަމަވެސް އެއްވެސް މައްސަލައެއް ނުޖެހޭނެ ގޮތަށް ބަލައިގެން ކަމަށެވެ.
ރާއްޖޭގައި މިހާރު ކުރިއަށް މިގެންދާ ދިވެހި ޖުމްހޫރިއްޔާގެ ދެވަނަ ވެރިކަން ފަށާފައިވަނީ 11 ނޮވެމްބަރު 1968ގައެވެ. އެދުވަހުން ފެށިގެން އައު ދައުރުގެ ހުވާކުރާ ދުވަހަކީ ކޮންމެ 5 އަހަރަކުން ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. 2013 ވަނަ އަހަރު ހުވާ ކުރާ ދުވަސް 17 ވަނަ ދުވަސް ކަމަށް ހަމަޖެއްސީ އިތުރު ބުރަކަށް ވޯޓުލާން ޖެހުމުން ސްޕްރީމް ކޯޓުގެ ޚާއްޞަ ހުއްދައެއްގެދަށުންނެވެ.
މިއަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަކީ ދިވެހި ޖުމްހޫރިއްޔާގެ ހަޔާތުގައި ވަރަށް ތާރީޚީ ދުވަހެކެވެ. ދެވަނަ ޖުމްހޫރީ ވެރިކަމަށް 50 އަހަރު ފުރޭ ދުވަސްކަމަށްވާތީއެވެ.