ނިހާން އާއި މުހުތާޒް ގެ މައްޗަށް ކުރި ފަސް ދައުވާއެއް ބާތިލު

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ނިހާން އާއި މުހުތާޒް ގެ މައްޗަށް ކުރި ފަސް ދައުވާއެއް ބާތިލު
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހްސިނާއި ގާޒީ އަހުމަދު ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ފަސް ދައުވާއެއް ބާތިލު ކަމަށް މިއަދު ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މުހުތާޒްގެ މައްޗަށް ކޮށްފައިވަނީ ތިން ދައުވާ އެކެވެ. އޭގެ ތެރެއިން ސައްޙަ ނޫން ލިޔުމެއް އުފެއްދިކަމުގެ ދައުވާއާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ކަމުގައި ސައްޙަ ނޫން ގޮތުގައި އުފައްދާފައިވާ ލިޔުމެއް ދެއްކުމުގެ ދައުވާ މިއަދު ކްރިމިނަލް ކޯޓުން ވަނީ ބާތިލު ކޮށްފައެވެ. އޭނާގެ މައްޗަށް ކުރާ ޓެރަރިޒަމްގެ މައްސަލަ ސާބިތުވުމުން މުހުތާޒު މިހާރު ގެންދަވަނީ 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ގާޒީ ނިހާންގެ މައްޗަށް ކޮށްފައިވަނީ ހަތަރު ދައުވާއެކެވެ. އޭގެ ތެރެއިން މިއަދު އޮތީ ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގުމުގެ ދައުވާއާއި، ސައްޙަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގެ އަޑުއެހުމެވެ. މިތިން ދައުވާ ވެސް ވަނީ މިއަދުގެ އަޑުއެހުމުގައި ބާތިލު ކޮށްފައެވެ. ގާޒީ ނިހާން ގެ މައްޗަށް ވެސް އިއްވާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުވުމާއި ގުޅިގެން އޭނާ ވެސް ގެންދަވަނީ 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
މިއަދު އޮންލައިން