ތަހްޤީޤްކޮށްފިނަމަ ރައީސް ޔާމީނުގެ މައްޗަށް ބޮޑެތި ގިނަ މައްސަލަތަކެއް ފަސޭހަކަމާއެކު ސާބިތު ކުރެވޭނެ: ޢަބްދުﷲ ރިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ތަހްޤީޤްކޮށްފިނަމަ ރައީސް ޔާމީނުގެ މައްޗަށް ބޮޑެތި ގިނަ މައްސަލަތަކެއް ފަސޭހަކަމާއެކު ސާބިތު ކުރެވޭނެ: ޢަބްދުﷲ ރިޔާޟް
ދައުލަތުގެ މުއައްސަސާތަކުން ޒިންމާދާރުކަމާއިއެކު ތަހްޤީޤްކޮށްފިނަމަ ރައީސް ޔާމީނުގެ މައްޗަށް ބޮޑެތި ގިނަ މައްސަލަތަކެއް ފަސޭހަކަމާއެކު ސާބިތު ކުރެވޭނެ ކަމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.

ރިޔާޟް މިރޭ ވިދާޅުވީ ދައުލަތުގެ ފައިސާ އަމިއްލަ އެކައުންޓަކަށް ވެއްދުމަކީވެސް ޖިނާޢީ ކުށެއް ކަމަށާއި ވައްދައި ބޭނުންކުރުމަށްފަހު އަނބުރާ ދެއްކި ނަމަވެސް އެކަންވެސް ވާނީ ކުށަކަށް ކަމަށެވެ. "އަމިއްލަފުޅު އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައެއް އެބައުޅޭ. ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ބޮޑެތި ގިނަ މައްސަލަތަކެއްވެސް އެބަހުރި. އެމްއެމްއޭ އިން މަނީ ލޯންޑަރިންގގެ މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފަ. މިފަދަ ބޮޑެތި ވަރަށް ގިނަ މައްސަލަތަކެއްގައި ރައީސް ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް އެބަ ކުރެވޭ."

ޢަބްދުﷲ ރިޔާޟް ވިދާޅުވީ މިހުރިހާ ކަންކަން ވެސް ރައީސް ޔާމީނަށް ވަރަށް ރަނގަޅަށްއެނގިވަޑައިގަންނަވާނެ ކަމަށާއި ކިތަންމެ ވަރަކަށް ގަޓް އެބަހުރިކަމަށް ރައީސް ޔާމީނު ވިދާޅުވި ނަމަވެސް މި މައްސަލަތަކާއި ކުރިމަތިލައްވާނެ ހިއްވަރު ރައީސް ޔާމީނުގެ ކިބައިގައި ހުންނާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. "ރައީސް ޔާމީނު ވަރަށް ބޮޑަށް ބޭނުންފުޅުވާނެ ފިއްލަވަން. ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން."

ޢަބްދުﷲ ރިޔާޟް ވިދާޅުވީ ގިނަ މައްސަލަތަކެއް މިހާރުވެސް ފުލުހުންނަށާއި ސަރުކާރުގެ މުއައްސަސާތަކަށް މިހާރުވެސް ހުށަހެޅިފައިވުމުން ރައީސް ޔާމީނާއި އެ މައްސަލަތަކާއި ގުޅުންހުރި އެހެން މީހުންގެ ޕާސްޕޯޓުވެސް މިހާރު ވާނީ ހިފަހައްޓާފައި ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

ޢަބްދުﷲ ރިޔާޟް މިމޭރުމުން ވިދާޅުވެފައިވާއިރު ގުޅިފައިވާ ކޯލިޝަނުން މިހާރުވެސް ވަނީ ރައީސް ޔާމީން ފިއްލަވަން އުޅުއްވާ ކަމަށް މައުލޫމާތު ލިބިގެން ރާއްޖެއިން ފުރާވަޑައިގަތުން ހުއްޓުވައި ދިނުމަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފައެވެ.



މިއަދު އޮންލައިން