ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރު ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތަހްޤީޤްގެ އަޑުވެސް ނުއިވޭތީ ކަންބޮޑުވޭ: ޢަބްދުﷲ ރިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރު ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތަހްޤީޤްގެ އަޑުވެސް ނުއިވޭތީ ކަންބޮޑުވޭ: ޢަބްދުﷲ ރިޔާޟް
ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރު ނިމިގެންދާއިރުވެސް ދީނީ ޢިލްމުވެރިޔާ، ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހްޤީޤްގެ އަޑުވެސް އިވިވަޑައި ނުގަންނަވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި މައުލޫމާތު ހާމަކުރެއްވޭނެ ޕްލެޓްފޯމެއް ލިބިވަޑައިގެންފިނަމަ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި އެނގިވަޑައިގަންނަވާ މައުލޫމާތު ހާމަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އެއިރުގެ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.

ރިޔާޟް މިރޭ ވިދާޅުވީ އެ މައްސަލައިގެ ތަޙްޤީޤް ކުރިއަށް ގެންދިއަ ފުރަތަމަ އަހަރެއްހައި ދުވަހު ކޮމިޝަނަރގެ މަޤާމުގައި ހުންނެވުމުން އެއިރު ކުރެވުނު ތަހްޤީޤްތަކުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. "ސީދާ ކޮމިޝަނަރ އެއް ނޫން މައްސަލަ ތަޙްޤީޤް ކުރާނީ. އެކަން ކުރާނީ ތަޙްޤީޤް ޓީމުން. ނަމަވެސް ބްރީފިން ދޭނެ ކޮމިޝަނަރަށް."

ރިޔާޟް ވިދާޅުވީ އެ މައްސަލައިގެ ތަހްޤީޤް އަދިވެސް ފުރިހަމަ ނުކުރެވޭ ކަމަށާއި އެހެންކަމާއިއެކުވެސް ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރު ނިމިގެންދާއިރު އެ ބޮޑު، ރައްޔިތުންގެ މެދުގައި އިންތިހާއަށް ކަންބޮޑުވުން އޮތް މައްސަލައިގެ ތަހްޤީޤާއި ބެހޭ އެއްވެސް ވާހަކަފުޅެއް ނުދެއްކެވުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ރިޔާޟް ވިދާޅުވީ އެ މައްސަލައިގައި މީގެ ކުރިންވެސް މީހުން ސުވާލުކޮށްފައިވާ ކަމަށާއި ޖަވާބުގައި ވިދާޅުވެފައިވާނީ "އެކަށީގެންވާ ވަގުތެއްގައި އެކަން ކުރެވޭނެ ތަނެއްގައި ސުވާލުކުރުމުން ލިބިފައިވާ މައުލޫމާތު ހާމަކުރާނެ ކަމަށް" ކަމަށާއި މިހާރުވެސް ހުންނެވީ އެގޮތުގައި ކަމަށެވެ.

ރިޔާޟް ވިދާޅުވީ އެބާވަތުގެ މައްސަލަތަކުގެ މައުލޫމާތު ހާމަކުރުމަކީ ފުލުހުންގެ މުއައްސަސާއިން ކުރަންޖެހޭ ކަމެއް ކަމަށާއި ފަރުދީ ގޮތުން ކުރެވެން އޮންނަ ކަމެއް ނޫން ކަމަށެވެ. "އަޅުގަނޑަށް ލިބިފައިވާ ހުރިހާ މައުލޫމާތެއް އެކަމަށް އެޕްރޮޕްރިއޭޓު ޓައިމެއްގަ، ޕްލެޓްފޯމެއްގަ ހާމަ ކުރަން މިހިރީ ތައްޔާރަށް. އެކަންކަން މީޑިއާގަ ނުވަތަ ސޯޝަލް މީޑިއާގައި ހާމަކުރުމަކީ އެންމެ ޒިންމާދާރު ގޮތެއް ކަމަށް ނުދެކެން. އެއީ ކްލޯޒްޑް ކޭސްއެއް ކަމަކަށް އަޅުގަނޑު އަދިވެސް ނުދެކެން."

ޢަބްދުﷲ ރިޔާޟް ވިދާޅުވީ އެގޮތަށް ހުރި ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އޮތް މައްސަލަތައް ބެލުމަކީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވައުދެއް ކަމަށާއި އެމަނިކުފާނު އެ ވައުދު ފުއަދަވާނެ ކަމަށެވެ. "ފުލުހުންގެ ތެރެއިން ނަމަވެސް، ރިޔާސީ ކޮމިޝަނެއް ނަންގަވައިގެން ނަމަވެސް އެކަން ކުރައްވާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. ނޫނީ މަޖިލީހުގެ ތެރެއިން ނަމަވެސް ނުވަތަ ކޯޓަކުން ނަމަވެސް ބައްލަވާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ."

މިފަދަ ކޮންމެ މުއައްސަސާއަކުން ރަސްމީ ސިފައެއްގައި ސުވާލުކުރި ނަމަވެސް ޖަވާބު ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. "މިބާވަތުގެ މައްސަލަތައް ބަލަން މަޖިލީހުގަ އޮނަނަނީ 241 ކޮމިޓީ. ފާއިތުވި 4 އަހަރު ތެރޭ އެ ކޮމިޓީގެ ބޭއްވީ ހަމައެކަނި މުޤައްރިރު ކަނޑައަޅަން ބޭއްވި ބައްދަލުވުން. ދެން ކިހިނެއްތޯ މައްސަލައެއް ބަލާނީ. އަޅުގަނޑުވެސް ހުންނާނެ މައްސަލަތައް ހުށަހަޅާފަ." ރިޔާﷲ ވިދާޅުވިއެވެ.
މިއަދު އޮންލައިން