އަދުރޭ ތިއަ ބުނަނީ ރައީސް ޔާމީނަކީ ކުށްކުރާ މީހުންނަށް އަދަބު ނުދެއްވާ ކުށް ނުކުރާ މީހުންނަށް އަދަބު ދެއްވަން ވެރިކަން ކުރައްވާ ވެރިއަކު ކަމަށް ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
އަދުރޭ ތިއަ ބުނަނީ ރައީސް ޔާމީނަކީ ކުށްކުރާ މީހުންނަށް އަދަބު ނުދެއްވާ  ކުށް ނުކުރާ މީހުންނަށް އަދަބު ދެއްވަން ވެރިކަން ކުރައްވާ ވެރިއަކު ކަމަށް ހެއްޔެވެ؟

ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ނައިބް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ރޭ ވެސް ވިދާޅުވީ އެމްޑީޕީގެ ސަރުކާރަކީ ރާއްޖޭގައި ވެރިކަން ކުރި އެންމެ ކޮރަޕްޓް ސަރުކާރު ކަމަށާއި ހަމަ އެ ސްރުކާރުގައި ދައުލަތުގެ އޮޑިޓަރ ޖެނެރަލް ނެރެފައިވާ އޮޑިޓް ރިޕޯޓުތަކުގައި އެ މައްސަލަތައް ފެންނަން އެބަހުރި ކަމަށެވެ.

އަދުރޭ މިއަދު މިވާހަކަ ދެއްކީމާ ފުރަތަމަ ވެސް ކުރަންޖެހޭ ސުވާލަކީ

2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ވެރިކަން ކުރަނީ މިހާރުގެ ސަރުކާރުން ކަމަށްވެފައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރައްޔިތުން ލީ ވޯޓުގެ ނަތީޖާ އިއުލާނުކުރަންދެން ފާއިތުވި 4 އަހަރާއި 10 މަސް ދުވަހު ވެރިކަންކުރީ ރާއްޖޭގެ ކޯޓުތަކުގައި ކަސްތޮޅު އަޅުވައި ރަހީނުކޮށް އަދި ބަނޑުދަށުލައިގެން ކަމަށްވާއިރު 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ހިންގާފައިވާ ކޮރަޕްޝަން އަމަލުތަކަށް ޙުކުމް ނުކުރީ ކީއްވެގެން ހެއްޔެވެ؟

ރައީސް ޔާމީން ބޭނުންފުޅުވުމުން އެއްވެސް ކުށެއް ނުކުރާ އެތައް ބައަކަށް ބޮޑެތި ދައުވާތައްކޮށް ބޮޑެތި އަދަބުތައް ދީފައިވާއިރު ދައުލަތަށް ބައަކު ކަނޑައެޅިގެން ޚިޔާނާތްތެރިވެފައިވާ މައްސަލަތަކެއް ހުރެމެ އެ މައްސަލަތަކަށް ޙުކުމް ނުކުރީ އަދި އެ މައްސަލަތައް ޝަރީއަތަށް ނުވެސް ފޮނުވީ ކީއްވެގެން ހެއްޔެވެ؟ އަދުރޭ ތިއަ ވިދާޅުވަނީ ރައީސް ޔާމީނަކީ ކުށްކުރާ މީހުންނަށް އަދަބު ނުދެއްވައި ކުށް ނުކުރާ މީހުންނަށް އަދަބު ދެއްވަން ވެރިކަން ކުރައްވާ ވެރިއަކު ކަމަށް ހެއްޔެވެ؟

ފާއިތުވި 5 އަހަރުތެރޭގައި އެއް މައްސަލައެއް ވަރަށް ބާރަށް ކޯޓުތަކުގައި ހިންގައި ޙުކުމް ކުރިއެވެ. އެއީ އެމްޑީޕީގެ މިނިސްޓަރު މުޙައްމަދު އަސްލަމްގެ ފޯނު ބިލެއްގެ މައްސަލައެވެ. އެ ފައިސާ ދައްކަން ޙުކުމް ކުރުމުން އަސްލަމް ވަނީ ފައިސާ ވެސް ދައްކަވައިފައެވެ. މީގެ މާނައަކީ ރައީސް ޔާމީނަކީ ހަމައެކަނި މުޙައްމަދު އަސްލަމް ކިޔާ މީހުންގެ މައްސަލަތައް ބައްލަވައި ފައިސާ އަތުލައްވަން ބޭނުންފުޅުވާ ބޭފުޅަކީ ހެއްޔެވެ؟

އަދުރޭ ދެއްކެވި ނަމަވެސް ޕީޕީއެމްގެ އެހެން ބޭފުޅަކު ދެއްކެވި ނަމަވެސް މިބާވަތުގެ ވާހަކަތައް ދައްކާނަމަ މިފަދަ ސުވާލުތައް ރައްޔިތުން އުފައްދާނެއެވެ. ޖަވާބުދާރީ ވާންވެސް ޖެހޭނެއެވެ. ހަމަ ޤައިމުވެސް ފާއިތުވި 4 އަހަރާއި 10 މަސް ދުވަހު ރާއްޖޭގެ ކޯޓަކަށް މިބާވަތުގެ މައްސަލައެއް ހުށަހެޅިނަމަ ޙުކުމް ނުކޮށް އޮންނާނެ ކަމަކަށް ބުއްދި ސަލާމަތުން ހުރި ހަމަ އެކަކުވެސް ޤބޫލެއް ނުކުރާނެއެވެ. ފަތިސް ވަންދެން ހޭލައި ތިބެގެންވެސް ޙުކުމް ކުރީހެވެ. ކޯޓުތަކުން ވަނީ އެކަން ހާމަކޮށްދީ ދައްކުވައިދީފައެވެ.

މިއީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުންވެސް ވިސްނަން ޖެހޭނެ ކަމެކެވެ. ދައުލަތުގެ ފައިސާއިން ވައްކަންކޮށް ޚިޔާނާތްތެރިވެ ކޮރަޕްޝަނުގެ ޢަމަލުތައް ހިންގިކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ނުބަލައި ޝަރީޢަތަށް ނުފޮނުވާނަމަ ރައްޔިތުންގެ ހަމަ މި ސުވާލުތަކަށް ޖަވާބުދޭން ޖެހޭ ދުވަސް އަންނާނެތީއެވެ.
މިއަދު އޮންލައިން