ނިމިގެންދިއަ ރިޔާސީ އިންތިޚާބުގައި ވަކި ފަރާތަކަށް ނަތީޖާ އަނބުރައިލުމަކީ ވަފާތެރިވުން ކަމަށްވާނަމަ އެކަން ނުކުރައްވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ޝަރީފަށް ކުރެއްވި ތުހުމަތުތަކަށް ރައްދުދެއްވައި އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އިންތިޚާބެއްގަ އަޅުގަނޑު މިހުރި މަޤާމުގެ ގޮތުން އަޅުގަނޑުގެ ވަފާތެރިވުމަކީ ވަކި ފަރާތަކަށް ނަތީޖާ އަނބުރާލުންތޯ؟" ވަނީ ސުވާލު ކުރައްވައިފައެވެ.
ޝަރީފް ވިދާޅުވީ އެއީ ވަފާތެރިވުން ކަމަށްވާނަމަ އެއީ އޭނާއަށް ނުކުރެވުނު ކަމެއް ކަމަށާއި ނަމަވެސް ވަފާތެރިވުމަކީ ރައީސް ޔާމީނަށް ނުވަތަ އެނޫން ފަރާތަކަށް ނަމަވެސް ޑިސްއެޑްވާންޓޭޖެއް ނޯންނާނެ ގޮތަށް ކަންކަން ކުރުން ކަމުގައިވާނަމަ އެކަން ވާނީ ކުރައްވާފައި ކަމަށެވެ. އަދި އިކެކްޝަންސް ކޮމިޝަނުން ވެސް ވާނީ އެކަން ކޮށްފައި ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން ކޮމިޝަނުން އެއްވެސް ވިސްނުމެއް އަދި ރޭވުންތެރިކަމެއްވެސް ނެތް ރާއްޖޭގެ ރައްޔިތުން ވޯޓުލައިގެން ނެރުނު ނަތީޖާ ވަކި ދިމާއަކަށް އަނބުރާލުމުގެ. އެއީ އަޅުގަނޑުމެން ނުކުރާނެ ކަމެއް. އެއްވެސް އިންތިޚާބެއްގަ ކޮމިޝަނުގަ އެފަދަ ކަމަކަށް ޚިޔާލުވެސް ބަދަލުކޮށްފައެއް ނެތް. އެފަދަ ޚިޔާލެއް އައިސްފައެއްވެސް ނެތް. އެހެންވީމާ އެއީ ވަފާތެރިވުން ނޫން ކަމަށްވާނަމަ ރައީސް ޔާމީނު އެވިދާޅުވީ ތެދުވާހަކައެއް. އެއްވެސް ފަރާތަކަށް ޙައްޤު ނޫން އެދްވާންޓޭޖެއް ހޯދައިދޭން އުޅުމަކީ ވަފާތެރިވުން ނޫން ކަމަށްވާނަމަ އެކަމެއް އަޅުގަނޑުމެން ނުކުރަން." ޝަރީފް ވިދާޅުވިއެވެ..