ސިނަމާލޭ ބްރިޖު އެޅި ޗައިނާ ކޮމިނިއުކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) ގެ މުވައްޒަފުން، މިޔަރު ބޭނި ކަމަށް ބުނާ މައްސަލައެއް އެ ކުންފުނިން ބަލަމުންދާކަމަށް ހާމަކޮށްފިއެވެ.
ސީސީސީސީގެ އޮޕަރޭޓިން މެނޭޖަރު ވަންގް ޗާއޯ މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލަ މިހާރު އެ ކުންފުނިން ތަހުގީގު ކުރަން ފަށާފައިވާ ކަމަށާއި މިޔަރު ބޭނުމަކީ ރާއްޖޭގެ ގާނޫނުތަކުން މަނާ ކަމެއްކަން، ބްރިޖުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ވެސް މިހާރު ވާނީ އަންގާފައިކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުތަކަށް މުވައްޒަފުން އަހުލުވެރި ކުރުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ވާހަކަ ވެސް ދަންނަވާކަމަށް އެބަޔާނުގައިވެ ބުނެފައިވެއެވެ.
ވަންގް ޗާއޯ ބުނެފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ދުނިޔޭގެ އެންމެންގެ ތައުރީފު ވެސް ލިބޭކަމަށާއި ރާއްޖޭގެ ކަނޑުގައި ރީތި މުރަކައިގެ އިތުރުން މިޔަރާއި ކޯމަހާއި ވެލާ އުޅޭކަމަށެވެ. އަދި މި ތަކެތި ހަލާކުވާނެ ފަދަ ނުވަތަ މި ތަކެއްޗަށް ގެއްލުންވެދާނެ ފަދަ އެއްވެސް ކަމެއް މި ކުންފުނިން ބަލައެއް ނުގަންނާނެކަމަށް ވަންގް ޗާއޯ ބުނެފައިވެއެވެ.