ވެރިކަމަށް ވަޑައިގަތުމަށްފަހު ގިނަވެގެން 100 ދުވަހުގެ ތެރޭގައި އަބުރުގެ ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އިންތިހާބީ ރައީސް ސާލިހް މިހެން ވިދާޅުވީ މިއަދު ވީމީޑިއާ އަށް ކުރެއްވި ޒިޔާރާތުގައި ދެއްކެވި ވާހަކަފުޅުގަ އެެވެ.
އިންތިހާބީ ރައީސް ސާލިހް ވިދާޅުވީ މިއަދު މީޑިއާ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން ވެރިކަމަށް ވަޑައިގެން ގިނަވެގެން 100 ދުވަހުގެ ތެރޭގައި އެ ގާނޫނު އުވާލައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވި އެވެ.
''ނޫސްވެރިކަމަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގައި ފުޅާކޮށް ތަންމިނަށް ހުޅުވިގެންދާނެ،" އިންތިހާބީ ރައީސް ސާލިހް ވިދާޅުވިއެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާ، ޝުކުރު ދެންނެވުމަށް އިންތިހާބީ ރައީސް ސާލިހް މިއަދު ވީމީޑިއާ އަށާއި ސަންގުޓީވީ އަށް ވަނީ ޒިޔާރަތްކޮށްފައެވެ.