މީޑިއާގެ މިނިވަންކަން ނެތި ޑިމޮކްރަސީއެއް ނޯންނާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ ސަންގު ޓީވީއަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.
ޑިމޮކްރަސީއެއް ދެމިއޮތުމަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށްވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މީޑިއާތައް މަސައްކަތް ކުރަން ޖެހޭނީ ދެ ފަރާތުގެ އަޑު ގެނެސްގެން ކަމަށާއި ސަރުކާރުން ކޮށްދޭ ކަންތައްތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ އިތުރުން ރައްޔިތުން ދެކޭ ގޮތް ސަރުކާރަށް ގެނެސްދިނުމަކީ ވެސް މީޑިއާތަކުން ކޮށްދޭން ޖެހޭ ކަމެއް ކަމަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ..