ކޮންމެ މީހަކަށް ނަމަވެސް އަނިޔާ ކުރީމާ ނުބުނެ ސިރުކޮށްގެން ހުންނަ ވާހަކަތައް ވެސް ކިޔައިދޭނެއެވެ. އެއީ އިންސާނީ ޠަބީޢަތެވެ. ރައީސް ޔާމީނުގެ އެންމެ ޒަމާންވީ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމްދު ނާޒިމްގެ ކިބައިންވެސް އިއްޔެ ފެނިގެން ދިއައީ އެފަދަ ކަމެކެވެ.
ރައީސް ޔާމީނު އަބަދުވެސް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ގެކޮޅަށް ޙަރާމް ފައިސާ ވަން ކަމަށާއި ކޮރަޕްޝަންގެ މައްސަލަތައް ހުއްޓެނީ އެމަނިކުފާނުގެ ދެވަނަ ނައިބް ރައީސް އަހްމަދު އދީބާއި ހަމައިން ކަމަށެވެ.
ނާޒިމް އިއްޔެ ތުހުމަތުކުރައްވާފައިވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ހުރިހާ މަރުހަލާތަކެއްގައިވެސް ރައީސް ޔާމީންގެ ބައިވެރިވެވަޑައިގަތުން އޮތް ކަމަށެވެ. ނާޒިމް ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ބެހޭ ގޮތުން އޭނާއަށް ލިބިވަޑައިގެންނެވި މައުލޫމާތު ރައީސް ޔާމީނަށް ދެއްވި ކަމަށެވެ. ރައީސް އޮފީހުގައި އެ މައުލޫމާތު 2014 ވަނަ އަހަރުގެ އެޕްރިލް މަހުގެ 28 ވަނަ ދުވަހު ދެއްވުން ވެގެންދިއައީ "މޫނާއި މޫނު ދިމާވާ ގޮތަށް ބައްދަލުވި އެންމެ ފަހު ފަހަރު" ކަމަށެވެ.
ރައީސް ޔާމީނު ވިދާޅުވެފައިވާ ވާހަކަފުޅުތަކަށް ބަލާއިރުވެސް އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލަތައް 1.2 ބިލިއަނަށް އަރައެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ މައްސަލައިގެ ފުރިހަމަ އޮޑިޓެއް ކޮށްފިނަމަ ވަގަސް ނަގާފައިވާ ފައިސާގެ އަދަދު 4.5 ބިލިއަނަށް އަރާނެ ކަމަށެވެ.
ނާޒިމަކީ ރައީސް ޔާމީނުގެ ވަރަސް ގިނަ ސިއްރުތައް އެނގިވަޑައިގަންނަވާނެ ބޭފުޅެކެވެ.