ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ޙުކުމް އިއްވި ޝަރީޢަތުގެ ހުރިހާ މަރުޙަލާތަކެއްވެސް ކުރިއަށް ގެންގޮސްފައިވަނީ ބާޠިލު އިޖުރާތުތަކެއްގެ މައްޗަށް ކަމަށާއި އެހެންކަމުން ހުރިހާ މަރުހަލާތަކެއްގައިވެސް ހިންގި ހުރިހާ ކަމެއްވެސް ބާޠިލު ކަމަށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޙުކުމް އިއްވެވި ފަނޑިޔާރު ފާހަގަކުރައްވާފައިވާ ކަމަށް ޤާސިމް އިބްރާހީމްގެ ޤާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ޙިސާން ޙުސައިން ވިދާޅުވެއްޖެއެވެ.
ޙިސާން ވިދާޅުވީ މިއަދު ފާހަގަ ކުރެވުނު އެންމެ މުހިންމު އެއްކަމަކީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އަމަލުކުރާ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުގައިވާގޮތުން އެއްވެސް މީހެއްގެ ޣައިރު ޙާޒިރުގައި އެމީހެއްގެ މައްޗަށް ޝަރީޢަތް ކުރެވި ޙުކުމް ކުރެވިގެން ނުވާނެކަން ކަމަށެވެ. އަދި ޣައިރު ޙާޒިރުގައި ޝަރީޢަތް ކޮށް ޙުކުމް ކުރުމަކީ ޤާނޫނުތަކާއި ޖިނާޢީ އިޖުރާތު ތަންދޭ އަދި ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.
ޙިސާން ވިދާޅުވީ ޤާސިމް އިބްރާހީމްއަށް އިންޞާފުލިބުން ލަސްވެއްޖެ ކަމަށާއި ލަހުން ނަމަވެސް އިންޞާފު ލިބުމަކީ އިންޞާފުގެ މަގަށް ރާއްޖެ މިހާރު ފަށާފައިވާ ދަތުރަސް ލިބުނު ކުރިއެރުމެއް ކަމަށެވެ.
"މަތިން" ކުރި އަމުރަށް ފުލުހުން ޤާސިމް އިބްރާހީމް ހިފައި ހައްޔަރުކުރީ މިދިއަ އަހަރުގެ އެޕްރިލް މަހުގެ 6 ވަނަ ދުވަހުއެވެ. ޙާލުކޮޅު ބޮޑުވެ ހޮސްޕީޓަލުގައި އެޑްމިޓްކޮށްފައި އޮންނަވަނިކޮށް 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ޙުކުމެއް އިއްވީ ކަމަށް ބުނެ ބަޔާނެއް ނެރުނީ މިދިއަ އަހަރުގެ އޮގަސްޓްމަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު 2:00 ހައިއިރު އެވެ.
ޙިސާންގެ ވާހަކަފުޅު (އޯޑިއޯ)؛