ރިޔާސީ އިންތިޚާބުގެ ނަތީޖާއަށްފަހު ކޯޓުތަކުން އިންޞާފު ލިބެން ފެށުމަކީ ހުރިހާ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް: ޤާސިމް އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ރިޔާސީ އިންތިޚާބުގެ ނަތީޖާއަށްފަހު ކޯޓުތަކުން އިންޞާފު ލިބެން ފެށުމަކީ ހުރިހާ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް: ޤާސިމް އިބްރާހީމް
މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށްފަހު ކޯޓުތަކުން އިންޞާފު ލިބެން ފަށާފައިވާ ކަމަށާއި އަދި އެއީ ހުރިހާ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހީމް މިމޭރުމުން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ބަޔާނެއް ނެރެ މިދިއަ އަހަރުގެ އޮގަސްޓްމަހުގެ 24 ވަނަ ދުވަހުގެރޭ އެމަނިކުފާނާއި އެމަނިކުފާނުގެ ވަކީލުންގެ ވެސް ޣައިރު ޙާޒިރުގައި އިއްވާފައިވާ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ޙުކުމް ހައިކޯޓުގައި އިސްތިއުނާފްކުރެއްވިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީފަހުން މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ނިންމަވާފައިވަނީ ޤާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއަ ޝަރީޢަތުގެ އަޑުއެހުންތައް ކުރިއަށް ގެންދިއައީވެސް އަދި ޙުކުމް ކޮށްފައިވަނީވެސް ހުރިހާ މަރުޙަލާތަކެއްވެސް ބާޠިލު އިޖުރާތުތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމަށާއި އެހެންކަމުން ހުރިހާ މަރުހަލާތަކެއްގައި ހިންގި ހުރިހާ ކަމެއްވެސް ބާޠިލު ކަމަށެވެ.

ހައިކޯޓުގެ މިނިންމުމާއި ގުޅިގެން ޤާސިމް އިބްރާހީމް މިހާރުވަނީ މިނިވަންވެވަޑައިގެންފައެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއަށްފަހު ރާއްޖޭގައި އަދިވެސް އިންޞާފު ދިރި، ދެމިއޮތްކަން މިދަނީ އެނގެމުން ކަމަށާއި އެހެންކަމުން މީގެ ކުރިން ޝަރުޢީ ދާއިރާގައި ކަންކަން ހިނގަމުން އައިސްފައި މިވަނީ ކިހިނަކުންކަން ވިސްނައިލުމުން އެންމެންނަށްވެސް އެނގޭ ކަމަށެވެ.

ޤާސިމް އިބަރާހީމް ވިދާޅުވީ މިދިއަ އަހުރުގެ ސެޕްޓެމްބަރުގެ 6 ވަނަ ދުވަހު އެމަނިކުފާނުގެ ފަރުވާއަށް ސިންގަޕޫރަށް ފޮނުވީ 10 ދުވަހަށް ކަމަށާއި ނަމަވެސް 6 ވަނަ ދުވަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް އަންގައި ޕާސްޕޯޓްވެސް ކެންސަލުކުރި ކަމަށެވެ. "އެއިރު އަޅުގަނޑުގެ ޞިއްޙީ ހާލު ހުރިގޮތުން ފްލައިޓުގަ ނުގެނައީ. ދެން އަޅުގަނޑަސް ސިންގަޕޫރުގައި ހުންނަންޖެހުނީ އަޅުގަނޑުގެ ބަލިހާލަށްޓަކައި އިންސާނީ ޙައްޤުތަކުގެދަށުން ދިން ޚާއްޞަ ހުއްދައެއްގެދަށުން. އެއިގެ ދޮޅުމަސް ދުވަސް ފަހުން ހަމަ އެފަދަ ހުއްދައެއް ލިބިގެން އަޅުގަނޑު ޖަރުމަނަށް ގޮސް ޖަރުމަނުގައި މިހުރީ. އަޅުގަނޑުގެ ޑޮކްޓަރުންވެސް ތިބެނީ ޖަރުމަނުގަ."

ޤާސިމް އިބްރާހީމް ވިދާޅުވީ ޢާއިލާގެ ބޭފުޅުންނާއި، ދިވެހި ރައްޔިތުންނާއި ރައްޓެހިންނާއި އަދި ޖުމްހޫރީ ޕާޓީ އާއި ޕާޓީގެ މެންބަރުންނާއި ދުރުގައި ދިގު މުއްދަތެއް ހޭދަކުރެއްވީ ވަރަށް ހިތްދަތި ޙާލުކޮޅުގައި ކަމަށެވެ.

ޤާސިމް އިބްރާހީމް ވަނީ ޣައިރު ޤާނޫނީ ގޮތެއްގައި އެމަނިކުފާނު ހައްޔަރުކޮށް ޣައިރު ޤާނޫނީ ގޮތެއްގައި އެމަނިކުފަނުގެ މައްޗަށް ޙުކުމް ކުރުމުން އެމަނިކުފާނު ސަލާމަތް ކުރުމަށް ޤާނޫނީ ވަކީލުންނާއި މީޑިއާތަކުންނާއި ރައްޔިތުން ކުރި ބުރަ މަސައްކަތްތައް ފާހަގަކުރައްވައި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި މި މަރުހަލާތަކުގައި އެމަނިކުފާނަށް އެހީތެރިވެދިން އެންމެހައި ފަރާތްތަކަށް ވެސް ޝުކުރު އަދާކުރައްވައިފައެވެ.

ޤާސިމް އިބްރާހީމްގެ ވާހަކަފުޅު (އޯޑިއޯ):
މިއަދު އޮންލައިން