ޖުމްހޫރީ ޕާޓީން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ޕާޓީގެ ލީޑަރުކަމަށް ބޭފުޅަކު އިންތިޚާބުކޮށްފައެއް ނުވެއެވެ. ފާސްކޮށްފައިވަނީ އެއިރު ޖަރުމަން ވިލާތުގައި ހުންނެވި ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް، އެކަމުގައި ގޮތެއް ނިންމަވަންދެން މަޤާމް ހުސްކޮށް ބޭއްވުމަށެވެ. އެހެންކަމުން ކައުންސިލުގެ މަޝްވަރާގެ މަތިން ޕާޓީގެ ކަންކަން ބަލަހައްޓަމުން ގެންދިއުން ހަވާލުކޮށްފައިވަނީ ނައިބް ލީޑަރު ޑރ. ޙުސައިން ރަޝީދު އާއިއެވެ.
ޖޭޕީން މިރޭ ބުނެފައިވަނީ ކައުންސިލުން މިރޭ ނިންމި ނިންމުމާއި ގުޅިގެން ޕާޓީގެ ލީޑަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށެވެ.
ޤާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ޙުކުމް ހައިކޯޓުން މިއަދު ވަނީ ބާޠިލުކޮށްފައެވެ. އެކަން ފާހަގަ ކުރައްވައި ކައުންސިލުގެ މެންބަރުން މިރޭ ވަނީ ޤާސިމް އިބްރާހީމްއަށް މަރުޙަބާ ވިދާޅުވެފައެވެ.
ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްއަށް އަނިޔާ ކުރުމުގެ އިތުރުން ރައީސް ޔާމީނުގެ ސަރުކާރުން ސީދާ ޕާޓީއަށް ކުރަމުން ގެންދާ ޖެއްސުމާއި އުނދަގޫތައްވެސް މެންބަރުން ފާހަގަކުރެއްވިއެވެ. އެގޮތުން ކުއްލި އަކަށް ހޯމް މިނިސްޓްރީން ޤަވާއިދެއް ހަދައި ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުންކުރުން މަނާކޮށްފައިވާކަންވެސް މެންބަރުން ފާހަގަކުރެއްވިއެވެ.
މިކަމާއި ގުޅިގެން ޕާޓީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުނިމި އޮތުމުން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ވަނީ ލޯގޯ އަކާއި ދިދައެއް އިފްތިތާޙްކޮށްފައެވެ.