އީޕީއޭއިން ހައުސިންގ މިނިސްޓްރީ ޖުރުމަނާކުރިކުރުމަކި މުންނާރުގެ ތާޅަފިލިން ބަންގީގެ އަޑު ނުނުކުތުމުން މުންނާރު ޖުރުމަނާކުރުން ނޫންތޯ؟
ސަރުކާރުގެ އިދާރާއަކުން ނުވަތަ މިނިސްޓްރީއަކުން ކުރާ އެއްވެސް ކަމަކާއި ގުޅިގެން މިނިސްޓްރީ ނުވަތަ އެ އިދާރާއެއް ޖުރުމަނާ ކުރީމާ އެޖުރުމަނާގެ ސަބަބުން އެކަންކުރި މިނިސްޓަރަށް ދެވެނީ ކޮން އަދަބެއް ހެއްޔެވެ؟ ނޫނީ ލިބެނީ ކޮން ގެއްލުމެއް ހެއްޔެވެ؟
ތަންކޮޅެއް ތިލަކޮށް ބުނާނަމަ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ ނުވަތަ ސަރުކާރުގެ އެހެންވެސް އިދާރރާއަކުން ހައުސިންގ މިނިސްޓްރީ ޖުރުމަނާ ކުރީމާ އެކަން ވަނީ ވަރަށް ހެއްވާ ކަމަކަށެވެ. ސަބަބަކީ ޖުރުމަނާ ކުރި ފައިސާ، ޖުރުމަނާކުރި ސަރުކާރުގެ އިދާރާއަށް ދައްކަން މިޖެހެނީ ސަރުކާރުގެ އިދާރާއިން ކަމަށްވުމެވެ.
މާނައަކީ އީޕީއޭ އިން ކުރި ޖުރުމަނާ ހައުސިންގ މިނިސްޓްރީން ދައްކާނީ އެ މިނިސްޓްރީގެ ބަޖެޓުން ކަމެވެ. މިކުރެވޭ ކަމަކީ ދައުލަތުގެ ފައިސާ އެއް އެކައުންޓުން އަނެއް އެކައުންޓަށް ބަދަލުކުރުމެވެ. އެހެންކަމަށްވާއިރު މިކުރެވެނީ ކޮންކަމެއް ހެއްޔެވެ؟
ހައުސިންގ މިނިސްޓްރީ ކިޔަނީ ސަރުކާރުގެ އިދާރާއަކަށެވެ. އެ އިދާރާއަކީ އެއިގެ އަމިއްލަ ޒާތުގައި އެއްވެސް ކަމެއް ކުރާ ތަނެއް ނޫނެވެ. ކަމެއް ކުރަން އަމުރު ކުރުމުގެ ބާރާއި ކުޅަދާނަކަން ލިބިގެންވާ ތަނެއްވެސް ނޫނެވެ. ވީއިރު ހައުސިންގ މިނިސްޓްރީ ޖުރުމަނާ ކުރެވޭނީ ކޮން ގޮތަކަށް ހެއްޔެވެ؟
ޙަޤީޤަތަށް ބަލައިފިނަމަ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒުގެ އަމުރަށް އޭނާގެ ބެލުމުގެދަށުން ކުރި ކަންތައްތަކަށް މިނިސްޓްރީ ޖުރުމަނާކުރުން ވާނީ ހަމަ ޤަރުނުގެ ބޮޑު ޖޯކަކަށެވެ. މިނިސްޓްރީ އެއްވެސް ކުށެއް ނުކުރާތީ އާއި ކުށް ކުރީ ޑރ. މުޢިއްޒު ކަމަށްވާތީއެވެ.
މި ޙަޤީޤަތްތަކަށް ބަލައިފިނަމަ އީޕީއޭއިން ހައުސިންގ މިނިސްޓްރީ ޖުރުމަނާކުރިކުރުމަކި މުންނާރުގެ ތާޅަފިލިން ބަންގީގެ އަޑު ނުނުކުތުމުން މުންނާރު ޖުރުމަނާކުރުން ފަދަ ކަމެކެވެ. އަންނަން އޮތް ސަރުކާރުން މިފަދަ ހެއްވާ ކަންކަން ނުކުރާނެ ކަމަށް ގިނަ ބައަކު އުންމީދު ކުރެއެވެ. ދައުލަތުގެ މަޤާމެއް ޙަވާލުކުރީމާ، މަޤާމުގައި ހުރެ ކުރާ ޤާނޫނާއި ޚިލާފް ކަންކަމުގެ ޒިންމާ އެކަން ކުރި މީހަކު ލައްވައި އުފުލުވަން ޖެހެއެވެ. ނޫނީ ހަމަ އެއްވެސް ކަމެއް ޤާނޫނާއި އެއް ގޮތަށް ކުރާތަން ފެނިގެނެއް ނުދާނެއެވެ.