މިހާރު އިންތިޚާބެއް ބާއްވައިފިނަމަ ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނީ 5،000 ވަރަކަށް ވޯޓު ކަމަށް ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު ވިދާޅުވެއްޖެއެވެ.
ސްޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީޢަތުގެ އަޑުއެހުމަށްފަހު ނުކުމެވަޑައިގެން އިލްހާމް ވިދާޅުވީ ނިމިގެންދިއަ އިންތިޚާބުގައިވެސް "އެހެން ގޮތްތަކަކުން" ވޯޓުތަކެއް ނުހޯއްދެވިނަމަ ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނީ ގިނަވެގެން 35،000 ވަރަކަށް ވޯޓު ކަމަށެވެ.
އިލްހާމް ވިދާޅުވީ ޕީޕީއެމްގެ 12 މެންބަރުން ޕީޕީއެމުން ވަކިނުވެ ރައީސް ޔާމީނު ކުރައްވާހައި ކަމަކަށް ރުހުން ދީގެން ތިބި ނަމަ ޤައުމުގެ ކަންކަން މިއަދު އޮންނާނީ އަތްނުފޯރާ ހިސާބުގައި ކަމަށެވެ. އެހެންކަމުން 12 މެންބަރުން ޤައުމަށްޓަކައި ވެފައިވަނީ ވަރަށް މަތިވެރި ޤްރްބާނީއެއް ކަމަށެވެ.
އިލްހާމް ވިދާޅުވީ ބެންކޮކުގައި ހުންނަވާފައި ރާއްޖެ ވަޑައިގަތީވެސް ޖަލަށް ގެންދާނެ ކަމަށް ތައްޔާރަށް ހުންނަވައިގެން ކަމަށެވެ. "ޢާއިލާއަށް ވެސް ބުނިން އެއާޕޯޓަށް ފައިބާތަނުން އަތުލައިގަނެގެން ގެންދާނެކަމަށް. ނުރުއިމަށްވެސް ނަޞޭޙަތް ދިނިން. އެހެންވެ އަތުގައި ފޯނެއްވެސް ނުގެންނަން. އެހެންވެ ފުލުހުންނަށް ފޯނު ނުފެނުނީ." އިލްހާމް ވިދާޅުވިއެވެ.
މިއަދު ވަނީ އިލްހާމްގެ މައްސަލައިގައިވެސް އަޑު އެހުންތައް ނިންމާލައިފައެވެ. ދެން އޮންނާނީ ޙުކުމް ކުރުމެވެ.