ރ. އަތޮޅު ވާދޫގައި ޓޫރިޒަމް ޒޯންއެއް ތަރައްޤީ ކުރުމަށް ކުންފުންޏަކާ ހަވާލު ކުރިތާ ދެ އަހަރުވުމަށް ގާތްވެފައި ވާއިރު، އަދިވެސް އަމަލީ ގޮތުން މަސައްކަތް ނުފެށެއެވެ.
2016 ވަނަ އަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހުގެ ރޭ، ވާދޫ ސްކޫލު ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައި ފާލަން ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑްއަށް މި މަޝްރޫއު ހަވާލު ކުރެވުނެވެ. ވާދޫ އުތުރު ކޮޅު ތުނޑީ ސަރަހައްދުން 3 ހެކްޓަރުގެ މި ބިމުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ފާލަން ހޯލްޑިންގ އާ ވާދޫ ކައުންސިލް އާ ދެމެދެ އެއްބަސްވުމުގައި ސޮއެ ކުރިތާ އަންނަ ނޮވެމްބަރު 1 ހަތަރު އަހަރު ވާއިރު، އަމަލީ މަސްއކަތް ނުފެށި އޮތުމުން ވާދޫގެ ރައްޔިތުން ތިބީ ހިތްހަމަ ނުޖެހުމެއްގެ ތެރޭގައިއެވެ.
ވާދޫގައި ތަރައްޤީ ކުރާ 4 ތަރީ ގެ ގެސްޓް ހައުސް އަކީ 100 އެނދުގެ ގެސްޓް ހައުސްއެއް ކަމަށާއި މިތާގައި 25 ބީޗްވިލާ އާއި 25 ގާޑެންވިލާ ހިމެނޭނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެހެން ގެސްޓް ހައުސްތަކުން ލިބޭ ޙިދުމަތްތަކަށް ވުރެއް ގިނަ ޙިދުމަތްތައް މިތަނުން ލިބެން ހުންނާނެކަމަށާއި އެގޮތުން ޑައިވިންގ ސެންޓަރަކާއި ވޯޓަރ ސްޕޯރޓްސް އާއި ޒަމާނީ ފެންވަރުގެ ރެސްޓޯރެންޓަކާއި ޖިމަކާއި އިންޑޯ ކުޅިވަރު ކުޅެވޭނެ އިންތިޒާމުވެސް މި ގެސްޓް ހައުސްގައި ހުންނާނެކަމަށް މަސައްކަތާއި ހަވާލުވި ފާލަން ހޯލްޑިންގ އިން ބުނެފައިވެއެވެ.
ފާލަން ހޯލްޑިންގ އިން މައުލޫމާތު ދޭ ގޮތުގައި މި ގެސްޓް ހައުސް ގެ ޚިދުމަތް ދޭން ފެށުމުން ގިނަ ވަޒީފާތަކެއް އުފެދޭނެކަމަށާއި އަދި މި ވަޒީފާތައް ދިނުމުގައި ވާދޫ އަށް އިސްކަމެއް ދޭނެކަމަށާއި އަދި ރަސްގެތީމު ، އަނގޮޅިތީމު އަދި އަލިފުށިގެ ޒުވާނުންނަށް ވެސް ވަޒީފާ ލިބިގެންދާނެކަމަށެވެ.
2016 ވަނަ އަހަރު މިމަސައްކަތް ފެށި 2 އަހަރު ތެރޭ ހިދުމަތް ދޭން ފަށާނެ ކަމަށް، ފާލަން ހޯލްޑިންގް އިން ބުނި ނަމަވެސް، އަދިއަދަށް ދާންދެން ވެސް މި މަސައްކަތް ފެށިފައި ނުވުމަކީ ރައީސް ޔާމިންގެ ސަރުކާރުގައި ދެކުނު ހުވަފެނެއް ފެނަށް ވެގެން ދިޔުން ކަމުގައި ވާދޫ ރައްޔިތުން ދެކެއެވެ.
މިކަމާ ގުޅިގެން ސުވާލު ކުރުމަށް މިއަދުނޫހުން ވާދު ކައުންސިލްއަށް ގުޅުމުން ފޯނަށް ޖަވާބު ލިބޭގޮތް ވަނީ ނުވެފައެވެ.