ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދުގެ ގޮނޑި އަދި ނުގެއްލޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ އިދާރާއަށް އަންގައިފިއެވެ.
އީސީގެ މެމްބަރު އަޙްމަދު އަކްރަމް މިއަދުނޫހަށް މިރޭ ވިދާޅުވީ ޕީޕީއެމުން ފޮނުވި ސިޓީއަކާއި ގުޅިގެން ފަޒާދުގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކުރިން ނިންމި ނިންމުން ބާޠިލުކޮށް ފަޒާދުގެ ގޮނޑި އަދި ނުގެއްލޭ ކަމަށް ކަނޑައަޅައި މަޖިލީހުގެ އިދާރާއަށް މިހާރު ސިޓީއެއް ފޮނުވާފައި ވާނެ ކަމަށެވެ.
އަކްރަމް ވިދާޅުވީ އިތުރު ގޮތަކަށް ނިންމަން ޖެހުނީ ފަޒާދުގެ ފަރާތުން ހުށަހެޅި ޝަކުވާ ތަކަކާއި ގުޅިގެން ޕީޕީއެމުން ކަމާއި ގުޅުންހުރި ލިޔުންތައް ކޮމިޝަނަށް ގެނުވައިގެން ބެލިއިރު އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް އެބަހުރިކަން ކޮމިޝަނުގެ މެންބަރުންނަށް ފާހަގަކުރެވިގެން ކަމަށެވެ.
ފަޒާދުވަނީ އޭނާގެ ގޮނޑި ގެއްލުވައިލި ނަމަވެސް ޙައްޤު ބަސް ވިދާޅުވާނެކަމަށް ވިދާޅުވެ ޕީޕީއެމް އިން ކުރަމުން ގެންދާ ޤާނޫނާއި ޚިލާފު ކަންކަމަށް ފާޑުވިދާޅުވެ އިދިކޮޅު ކޯލިޝަނުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ.