ރައްޔިތުންގެ ސުވާލު- ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އޭސީސީގެ ރައީސްކަމަށް ފައިނަންގަވަނީތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ރައްޔިތުންގެ ސުވާލު- ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އޭސީސީގެ ރައީސްކަމަށް ފައިނަންގަވަނީތޯ؟


"ކޮރަޕްޝަނަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ" ކަމަށް ރާއްޖޭގެ ތާރީޚުގައި ވެސް ވެރިކަންކުރި އެންމެ ކޮރަޕްޓް ސަރުކާރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވުމާއި ގުޅިގެން އެމަނިކުފާނު އޭސީސީގެ ރައީސް ކަމުގެ މަޤާމަށް "ފައި ނަންގަވަނީ" ކަމާއިމެދު ރައްޔިތުންގެ ގިނަ ބައަކު ސުވާލު އުފައްދަން ފަށައިފިއެވެ.

އާދަމް ޝަރީފް ވިދާޅުވެފައިވަނީ އެމައްސަލަ ރާއްޖޭގައި ކުޑަކުރެވޭނީ މުއައްސަސާތަކުގެ ވެރިންނާއި މަޖިލީހުގެ "ޢިއްޒަތްތެރި" މެންބަރުންނާއި ޢާންމު ފަރުދުން ޒިންމާދާރު ކަމާއިއެކު ކޮރަޕްޝަނާއި ދެކޮޅަށް ތެދުވެގެން ކަމަށެވެ. "ކޮރަޕްޝަނާއި ދެކޮޅަށް އެންމެން ތެދުވަމާތޯއެވެ! ކޮރަޕްޝަނުގެ ނުރައްކާތެރިކަމާއިމެދު މިހާރަށްވުރެ ސަމާލުވަމާތޯއެވެ!"

އާދަމް ޝަރީފް މިމޭރުމުން ވިދާޅުވެފައިވާއިރު ޑިފެންސް މިނިސްޓަރު ކަމުގައި ހުނަނަވައިގެން މިފަދަ ނަޞޭޙަތްތައް ރައީސް ޔާމީނަށް އެރުވިކަމާއިމެދު ރައްޔިތުންގެ ގިނަ ބައަކު ދަނީ ސުވާލުކުރަމުންނެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަކީ ރާއްޖެ ދެކެފައިވާ އެންމެ ކޮރަޕްޓް މީހުންނަށްޓަކައި ފިދާވުންތޯ އާއި އޭސީސީގައި ރައީސް ޔާމީނުގެ ކޮރަޕްޝަން މައްސަލަތައް ބަލަން އެއްވެސް ވަރަކަށް ބާރު އެޅުއްވިންތޯ ވެސް ގެންދަނީ ސުވާލުކުރަމުންނެވެ.

"ސަލާމަތީ ބާރުތައް ލައްވައި ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަންގުވައި 2 ފަނޑިޔާރުން ހައްޔަރުކުރުވީ ސްޕްރީމް ކޯޓުގެ އަމުރުގެދަށުން އަދީބް މިނިވަންވެ، ރައީސް ޔާމީނުގެ ކޮރަޕްޝަން މައްސަލަތައް އިތުރަށް ފަޅާ އަރުވާލައިފާނެ ކަމުގެ ބިރަށް ކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަނީ. އާދަމް ޝަރީފް ކީކޭތޯ މިކަމަށް ވިދާޅުވަން އޮތީ؟"

ރައީސް ޔާމީނުގެ ސަރުކާރަކީ ރާއްޖޭގެ ތާރީޚުގައި ވެރިކަން ކުރި އެންމެ ކޮރަޕްޓް ސަރުކާރު ކަމަށް ރައްޔިތުން ނިންމާފައިވާއިރު އެ ސަރުކާރު "ތެޅިތެޅި މުޅިގައިން ހުޅުނބު ދިއުމުން" އެ ސަރުކާރު ހިމާޔަތްކުރަން އެންމެ ގަދަފައި ވިއްދި މީހުން ނުކުމެ ކޮރަޕްޝަނުގެ ވާހަކަ ދެއްކުމަކުން ކޮރަޕްޝަނުގެ ހަޑިމުޑުދާރުކަމުން ސަލާމަތް ނުވެވޭނެ ކަމަށްވެސް ރައްޔިތުންގެ ގިނަ ބައަކު ދަނީ ބުނަމުންނެވެ.
މިއަދު އޮންލައިން