ޝައިޚް އިމްރާނުގެ މައްސަލައަށް އަވަހަށް ގޮތެއް ނިންމައިދިނުމަށް އަނާރާ އެދިވަޑައިގެންފި
އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާނު ޢަބްދުﷲގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 12 އަހަރު ދުވަހުގެ ޖަލު ޙުކުމުގެ މައްސަލައިގައި ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް އަވަހަށް ގޮތެއް ނިންމައިދިނުމަށް މަކުނުދު ދާއިރާގެ މެންބަރު އަނާރާ ނަޢީީމް އެދިވަޑައިގެންފިއެވެ.
އަނާރާ މިއަދު ވިދާޅުވީ ޝައިޚް އިމްރާން މިނިވަންކުރުމަށް މިއަދު މަޖިލީހަށް ޤަރާރެއް ނުވެއްދީ އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާފައި އޮތުމުން ކަމަށެވެ.
އަނާރާ ވިދާޅުވީ 2012 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު ރައްޔިތުންގެ ކުރިމަތީގައި ހުންނަވައި ލައިވްކޮށް ދެއްކެވި ވާހަކަފުޅަކާއި ގުޅުވައި އެ ރޭ ޝައިޚް އިމްރާން ހައްޔަރުކޮށް ޓެރަރިޒްމުގެ ތުހުމަތު އަޅުވައި ކޮށްފައިވާ ޙުކުމް އެއްވެސް ބައަކު ބަލައި ނުގަންނަ ކަމަށާއި އަދި އެއީ ބުއްދިއަށް ޤަބޫލުކުރެވޭ ގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށް ވެސް ގިނަ ބައަކު ޤަބޫލުކނުކުރާ ކަމަށެވެ.
ޝައިޚް އިމްރާނުގެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅިތާ މިހާރު 10 ވަރަކަށް ދުވަސްވެދާނެއެވެ. ހިނގައި ނުގަނެ ލަސްވާ ސަބަބެއް ކަމަށް ބެލެވެނީ މައްސަލަ ހުށަހެޅިތަނާހެން ރިޔާސީ އިންތިޚާބުގެ ވޯޓު ބާޠިލުކުރަން ރައީސް ޔާމީނު ހުށަހެޅުއްވި މައްސަލައަށް ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުމެވެ.