ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ 17 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް މިއަދު ހައިކޯޓުން ނިންމާލައިފިއެވެ. ދެން އޮންނާނީ މިމައްސަލައިގެ ހުކުމް އިއްވުމެވެ.
މުހުތާޒްގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކޮށްފައިވެއެވެ. އެއީ ސައްޙަ ނޫން ލިޔުމެއް އުފެއްދި ކަމުގެ ދައުވާއާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ކަމުގައި ސައްޙަ ނޫން ގޮތުގައި އުފައްދާފައިވާ ލިޔުމެއް ދެއްކުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުން ކަމުގެ ދައުވާއެވެ. މީގެތެރެއިން ހުކުމް އިއްވާފައިވަނީ ޓެރަރިޒަމްގެ ދައުވާގެ މައްޗަށެވެ. އަނެއް ދެ ދައުވާ ވަނީ ކްރިމިނަލް ކޯޓުން ބާތިލު ކޮށްފައެވެ.
އޭނާގެ މައްޗަށް 17 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރުނު މައްސަލައިގައި ޓެރަރިޒަމްގެ ދައުވާއެއް ސާބިތު ވެގެންނެވެ.