ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ބަދަލު ކުރުމަށް ޑޮކްޓަރުން އަނެއްކާވެސް ލަފާދީފިއެވެ.
އަދީބުގެ ޤާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ އަދީބުގެ ސީޓީ ސްކޭނުން ދައްކާ ގޮތުގައި އެތެރެ ހަށީގައި އިތުރު ސިސްޓުތަކަކާއި ހިލަތަކެއް ވަނީ އުފެދިފައެވެ. އެކަމުގެ ސަބަބުން ސިއްޙީ ހާލުކޮޅު މާބޮޑަށް ގޯސްވެފައިވާތީ، އަދީބު ގޭބަންދަށް ބަދަލުކޮށް ފަރުވާ ދިނުމަށް ޑޮކްޓަރު ވަނީ މިއަދު ލަފާ ދެއްވާފައެވެ.
އެހެންކަމުން ކުރީގެ ނައިބު ރައީސް ގޭބަންދަށް ބަދަލު ކޮށްދެއްވުމަށް ފުލުހުންނަށާއި ކަރެކްޝަންސް އަށް އަދީބުގެ އާއިލާއިންނާއި ވަކީލުން ގޮވާލައްވާފައިވެއެވެ.
އެކި ކުށްތަކެއްގައި އަދީބަށް ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. އެއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިންނެވި ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލައާއި ފިސްތޯލައެއް ގެންގުޅުނު މައްސަލައިގެ އިތުރުން ޚިޔާނާތުގެ މައްސަލައެވެ.