ގުޅިފައިވާ ކޯލިޝަނުން މަސައްކަތް ކުރަމުން ގެންދަނީ ނޮވެމްބަރު މަހުގެ 29، އަންނަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ޖޭޕީ ހެޑްކްއާޓަރސް މ. ކުނޫޒުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޢަލީ ޙުސައިން ވިދާޅުވީ ޕީޕީއެމްގެ ބައެއް މެންބަރުން ތިއްބެވީ ރައީސް ޔާމީނާއިއެކުގައި ނަމަވެސް އަދި ނޫން ނަމަވެސް އެ މެންބަރުންވެސް ތިއްބެވީ މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙް މަޤާމުން ދުރުކުރަން ކަމަށެވެ.
ޢަލީ ޙުސައިން ވިދާޅުވީ މިއީ މަޖިލިސް ޗުއްޓީގައި އޮތް ދުވަސްވަރެއް ނޫން ކަމަށާއި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެނަދަން ޖެހޭ ދުވަސްތަކެއް ކަމަށެވެ. ނަމަވެސް މި ދައުރުގައި އަދި އެންމެ ޖަލްސާއެއް ވެސް ނުބާއްވާ ކަމަށާއި މައްސަލަތައް ކުރިއަށް ގެންދަން ދަތިވެގެން މިއުޅެނީ މަޖިލިސް ހުއްޓުވާފައި އޮތުމުން ކަމަށެވެ.
މަޖިލީހުގެ ޖަލްސާތަކުގައި މެންބަރުން ޚިޔާލުތަފާތުވެ ދެބަސްވުމަށްވުރެ މަޖިލިސް އެކުގައި ހުއްޓުވާފައި އޮތުމުން ލިބޭ ގެއްލުން މާބޮޑު ކަމަށްވެސް ޢަލީ ޙުސައިން ވިދާޅުވިއެވެ.