އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން، ބ. ދަރަވަންދޫ ޕޮލިސް ޑެސްކްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
މިތަކެތި ނައްތާލާފައިވަނީ އޮކްޓޯބަރު 23 ވަނަ ދަރަވަންދޫގައެވެ. އޮކްޓޯބަރު 23 ވަނަ ދުވަހު ނައްތާލާފައިވަނީ، އެކި ބްރޭންޑް ތަކުގެ 140 ފުޅި ބަނގުރަލާއި 97 ބިޔަރު ދަޅެވެ. މިތަކެެއްޗަކީ 2018 ޖޫން، ޖުލައި އަދި އޮގަސްޓް މަހުގެ ނިޔަލަށް ބ. ދަރަވަންދޫގައި ޤާއިމްކޮށްފައިވާ ދަރަވަންދޫ ޑޮމެސްޓިކް އެއަރ ޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވާ ތަކެއްޗެވެ.
ބަނގުރާ ނައްތާލުން ދަރަވަންދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލިފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.