ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ވިދާޅުވެ, ފޮނަދޫ ދާޢިރާގެ މެންބަރު އަބުދުއްރަހީމް މެންބަރުންނަށް އެ ކުރެއްވީ މަލާމާތެއްކަމަށް މާވަށު ދާއިރާގެ މެންބަރު އަޒުހާން ފަހުފީ ވިދާޅުވެއްޖެއެވެ.
އަޒުހާން މިހެންވިދާޅުވީ މަޖިލީހުގެ ރައީސްކަން ލިބިވަޑައިގެންފި ނަމަ މެމްބަރުންގެ މުސާރަ 150،000ރ. އަށް ހަމަޖައްސަ ހުށަހަޅުއްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވުމާއި ގުޅިގެންނެވެ.
މިކަމާ ގުޅިގެން އަޒުހާން ވިދާޅުވީ މެންބަރުންގެ މުސާރަ އެވަރަށް ބޮޑުކުރަން ނުޖެހޭ ކަމަށެވެ. އަދި މެންބަރުންނަކީ ހަމައެކަނި ފައިސާގެ ދަހިވެތިކަމުގައި އުޅުއްވާ ބޭފުޅުން ނޫންކަމެށާޢި މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ވިދާޅުވެ އަބުދުއްރަހީމް މެންބަރުންނަށް އެ ކުރެއްވީ މަލާމާތެއް ކަމަށެވެ.
އަޒުހާން ވިދާޅުވީ މެންބަރުންނަކީ ބާޒާރުގައި ނީލަންކިޔައި ގަނެއް ވިއްކާ ބައެއްގެ ގޮތުގައި ސިފަ ކުރެއްވުމަކީ އެއްގޮތަކަށްވެސް ބަލައިގެނެވޭނެ ކަމެއް ނޫންކަމަށާޢި އަބުއްރަހީމް މަޖިލީހުގެ ނައިބު ރައީސަކަށް ގެނައުމުގެ ވިސްނުންފުޅެއްވެސް ނެތްކަމަށެވެ.
އަޒުހާން ވިދާޅުވީ މި ސަރުކާރަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ދަނޑިވަޅެއްގައި އަބުދުއްރަހީމް ޕީޕީއެމްގެ ނައިބު ރައީސެއްގެ ގޮތުގައި ހުންނަވާ އެފަދަ ގޮތަކަށް ވާހަކަފުޅު ދެއްކެވުމަކީ، ރައީސް ޔާމީނަށް އޮތް ތާއީދުވެސް ގެއްލިގެންދާނެ ކަމެއް ކަމަށެވެ.