ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭނުންވާ ސިއްޙީ ފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް، ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށް ދެކޮޅު ހަދައިފިއެވެ.
އަދީބުގެ ބޭސްފަރުވާއަށް އެމަނިކުފާނު ރާއްޖެއިން ބޭރަށް ފޮނުވައި ދިނުމަށް ސިޔާސީ އެކިއެކި ބޭފުޅުން ވެސް ވަނީ ގޮވާ ލައްވާފައެވެ.
މިކަމާއި ގުޅޭ ގޮތުން ރިލްވާންގެ އާއިލާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ނައިބު ރައީސް ޖަލުގައި ބަންދުކޮށްފައި ވަނިކޮށް، އެމަނިކުފާނުގެ ލޮލަށް ބޭސްކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ދަތުރުކުރެއްވުމަށް ހުއްދަ ދޭން ޖެހޭ ކަމަށް އިދިކޮޅު ލީޑަރުން ވެސް ގޮވާލަމުން ގެންދިޔުމަކީ ކަންބޮޑުވާ އަދި ނުރުހޭ ކަމެއް ކަމަށެވެ.
މީގެއިތުުރުން ރިލްވާންގެ އާއިލާއިން ބުނެފައިވަނީ އަދީބަކީ، ރިލްވާން ގަދަކަމުން ގެއްލުވާލާފައިވާ މައްސަލައިގެ ތަހުގީގުގައި ސުވާލުކުރަން ޖެހޭ މީހެއް ކަމުގައި އެއާއިލާއިން ދެކޭ ކަމަށާއި، މީގެ ކުރިން ހާމަވެފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު ރިލްވާން ވަގަށް ނެގުމުގައި ބައިވެރިވި މީހުން ކަމުގައި ބެލެވޭ ބަޔަކާއި އަދީބާއި ގުޅުންތަކެއްވާ ކަމަށް ތުހުމަތު ވެސް ކުރާކަމަށެވެ.
އެހެންކަމުން އެމައްސަލައިގެ ތަހުގީގު އަލުން ކުރާއިރު ކުރެވޭ ސުވާލަށް އަދީބު ފިލުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އާއިލާއިން ދެކޭ ކަމަށް ވެސް އެބަޔާނުގައިވެއެވެ.
"މީގެ އިތުރުން އޭނާއަކީ މުޅި ދިވެހިރާއްޖެއަށް ގެއްލުން ލިބުނު ބޮޑެތި ޚިޔާނާތުގެ މައްސަލަތަކުގައި ހިމެނޭ މީހެއް ކަމަށް ތުހުމަތު ކުރެވެ މީހެކެވެ. ރާއްޖެއިން ބޭރަށް ދަތުރު ކުރުމުގެ ހުއްދަ އޭނާއަށް ދީފިނަމަ ދިވެހި ރާއްޖެއަށް އޭނާ އެނބުރި ނައިސް ފިލައިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމުގައި މިއާއިލާއިން ދެކެމެވެ." ރިލްވާންގެ އާއިލާއިން ނެރުނު ބަޔާނުގައި ވެއެވެ.
ރިލްވާންގެ އާއިލާ އިން ބުނީ ބަންދުގައި ބައިތިއްބާފައި ތިބޭ ގައިދީންގެ ތެރެއިން ކޮންމެ މީހަކީވެސް އެކަށީގެންވާ ބޭސްފަރުވާ ލަސްނުކޮށް ލިބޭނޭ އިންތިޒާމު ދައުލަތުން ހަމަޖައްސައިދޭންޖެހޭނެ ބައެއް ކަމަށް އެ އާއިލާ އިން ވެސް ގަބޫލުކުރާ ކަމަށާއި އެގޮތުން މިހާތަނަށް ބޭސްފަރުވާ ދިނުން ލަސްކޮށްފައި ހުރި ކޮންމެ ގައިދީއަކަށް އެފަދަ ފަރުވާ އަވަސްކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.