މީހުންނާ ޙާލަތުން އުންމީދުކުރާނަމަ މާޔޫސްވާން ޖެހޭނެ- އުންމީދުކޮށް ވާގިއެދެންވީ ހަމައެކަނި ދާއިމަށް ވޮޑިގެންވާ ﷲ ގެ ޙަޟްރަތުން: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
މީހުންނާ ޙާލަތުން އުންމީދުކުރާނަމަ މާޔޫސްވާން ޖެހޭނެ- އުންމީދުކޮށް ވާގިއެދެންވީ ހަމައެކަނި ދާއިމަށް ވޮޑިގެންވާ ﷲ ގެ ޙަޟްރަތުން: މުފްތީ މެންކް

"ހަޔާތުގެ ކޮންމެ ކަމަކީވެސް ބަދަލުވަމުންދާނެ ކަންކަމެވެ. އެއްވެސް ކަމަކީ، ނިޢުމަތަކީ ދާއިމަށް ދެމިއިންނާނެ ކަމެއް ނޫނެވެ. ދާއިމަށް ދެމިވޮޑިގެންވާ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާއެވެ.

ވީމާ އެއްވެސް ކަމެއްގައި މީހުންނަށާއި ޙާލަތަށް އިތުބާރު ނުކުރާށެވެ. އަދި އުންމީދު ވެސް ނުކުރާށެވެ. ވާގިވެސް މީހުންގެ ކިބައިން ނުއެދޭށެވެ. މީހުންނާއި ކަންކަން ދާނީ ބަދަލުވަމުންނެވެ. ހަމަ ކޮންމެ ވަގުތަކުވެސް ބަދަލުވެދާނެއެވެ.

ދާއިމަށް އެހީތެރިކަމާއި ކަންކަން ނުވަތަ ނިޢުމަތްތައް މިންވަރު ކުރައްވަވަނީ ހަމައެކަނި ދާއިމަށް ވޮޑިގެންވާ ﷲ ތަޢާލާއެވެ. ވީމާ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދުތައް ކުރާށެވެ. އަދި ވާގިވެސް އެދޭށެވެ."

މިއީ މުފްތީ މެންކް ވިދާޅުވެފައިވާ ޢިބްރަތުން ފުރިގެންވާ ނަޞޭޙަތުގެ ބަސްކޮޅެކެވެ. ރާއްޖޭގެ މިވަގުތުގެ ޙާލަތާއި ވެސް ވަރަށް ގުޅުންހުރި ބަސްފުޅުތަކެއްކަން ފާހަގަކުރެވެއެވެ.

ރައީސް ޔާމީނުގެ ކިބައިން ވާގި ހޯދަމުން އައި މީހުން ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް އަންނާތީ ހަމަ ތެޅި ފޮޅެނީއެވެ. އަނެއް ބައަކު އަލަށް އެކުލަވައިލެވޭ ސަރުކާރުގެ ތެރެއިން މަޤްޞަދުތަކެއް ޙާޞިލުކުރުމުގެ ބޭނުމުގައި ވެސް ތެޅި ފޮޅެނީއެވެ.

މުފްތީ މެންކްގެ ނަޞޭޙަތުގައި އެވަނީ މީހުންގެ ކިބައިން ވާގިއެދުމެއް ނެތްކަމާއި މީހުންނާއި ޙާލަތު ބަދަލުވަމުންދާނެ ކަމެވެ. ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދުކޮށް ވާގިއެދިގެން ހުންނަ މީހާއަށް މާޔޫސްވާން ނުޖެހޭނެ ކަމެވެ.
މިއަދު އޮންލައިން