ވިލާ ކޮލެޖުން މިއަދު ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ ކޮރަޕްޝަންގެ ވިހަ އަމަލުތައް ހުއްޓުވައި ޤައުމު ޠާހިރު ކުރުމަށް ޚާއްސަ އިސްކަމެއް ދޭން ޖެހިފައިވާ ކަމަށެވެ. އަނިޔާވެރިވުމުގެ ޘަޤާފަތުން މުޅިން އެއްކިބާވެ ހެޔޮ ވެރިކަމެއް ކުރާ ޤައުމަކަށް ރާއްޖެ ވުމަކީ މިއަދު ދިވެހި އެންމެންގެ ބޮޑު އެދުން ކަމަށެވެ.
"އެއީ މީގެ ކުރިންވެސް އަދި މިހާރުވެސް އަދި މާދަމާ ވެސް ދިވެހިން ބޭނުންވާނެ ކަމެއް އަދި މުޅި އިންސާނީ ނަސްލު ވެސް ބޭނުންވާނެ ކަމެއް.
އާދެ، އިސްވެ މިދަންނަވާލީ މަތީ ތައުލީމުގެ މަރުހަލާތަކުގައި ނުހަނު ފުންކޮށް ބަހުސް ހިންގާފައިވާނެ ކަންކަންކަން އަޅުގަނޑަށް ކަށަވަރު. އަދި މައްސަލަތަކަށް ހައްލު ހޯދޭނީ ކޮން މަގަކުން، ކޮން ތަރުތީބަކުން، ކޮން ގޮތަކަށްކަން ތިޔަ ބޭފުޅުންނަށް ފާހަގަ ކުރައްވާފައިވާނޭ ކަމާމެދު އަޅުގަނޑު ދެބަހެއް ނުވަން."
ޤާސިމް އިބްރާހީމް ވިދާޅުވީ ވިލާ ކޮލެޖަށް ލިބޭ ޚާއްސަ އުފަލަކީ ޢިލްމީ ގާބިލު ބޭފުޅުންކޮޅެއް ވިލާ ކޮލެޖުގެ ޢިލްމީ ހިޔާވަހިކަމުން ދަސްވެނިވާކަން ކަމަށެވެ. "އަޅުގަނޑު ހެޔޮ ހިތުން މިއަދު ޤަބޫލު ކުރަނީ ތިޔައިން ކޮންމެ ބޭފުޅަކު ތިޔަ ބޭފުޅުންގެ ލޮބުވެތި އާއިލާ އަށާއި މިލޮބުވެތި ވަޠަން ކުރިއެރުވުމަށް ހަމަޖެހުމާއި މުރާލިކަމާއެކު ވިސްނުންތެރިކަމާއެކު މަސައްކަތް ކުރަމުން ގެންދަވާނެ ކަމަށް." ކަމުގައިވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.
ޤާސިމް އިބްރާހީމްގެ ވާހަކަފުޅުން:
"ބާއްޖެވެރި ހަޔާތަކަށް އެދި ދުޢާ ކުރަން. ކޮންމެ އާއިލާއަކަށް ފާގަތި ދުވަސްތަކާއި ކާމިޔާބު އެދި ދުޢާ ކުރަން.
ލޮބުވެތި ގްރެޖުއޭޓުން، މިއީ ޔިތަބޭފުޅުން ތައުލީމު ހާސިލު ކުރެއްވުމަށް ހުނަރުވެރިވުމަށް ތަރުބިއްޔަތު ވުމަށް ވީ މަތިވެރި ގުރުބާނީއަށް އަގު ވަޒަން ކުރުމުގެ ޚަފްލާ. މިއީ ތައުލީމު ހޯދުމުގެ ރާސްތާގައި ހޯއްދެވި ކުރިއެރުން ފާހަގަކުރާ ރަސްމިއްޔާތު.
އިއްޔެ ތިޔަ ދަސްވެނިންނާއި އާއިލާއިން ވަނީ ބޮޑު ހޭދަތަކެއް ކުރައްވާފަ. ދަތި އުނދަގޫ ވަގުތުތަކެއް ތަޖުރިބާ ކުރައްވާފަ. އެހެނަސް، މިއަދު އެއީ މާޒީ!
އެކަމަކު އެއީ ޝައްކެއް ނެތް، އުފަލުންވީ ގުރުބާނީ އާއި ރަހުމާއި އޯގާތެރިކަން އިންތިހާ ދަރަޖައަށް އިހުސާސް ކުރައްވާނެ ގިނަ ވަގުތުތަކެއްކަން ޔަގީން. ތިޔަބޭފުޅުންނާއި އާއިލާ މިފަދަ ބުރައެއް، ހިތްހަމަ ޖެހުމެއް ކަމުގައި ބައްލަވައިގެން އެވަނީ ސަބަބުތަކެއް އެކަމުގައި ހިމެނޭތީ.
ވިލާ ކޮލެޖުގެ އިއްޒަތްތެރި ރެކްޓާރ އިން ފެށިގެން ކޮންމެ މުވައްޒިފަކު ކޮންމެ އުސްތާޛަކު ތިޔަ ގްރެޖުއޭޓް ވުމުގެ ތައުލީމާއި ތަމްރީނުގައި ހިއްސާ އެކުރެއްވީ، އޭގައި މުހިންމު ކަންތައްތަކެއް ޝާމިލުވާތީކަން ކަށަވަރު.
އާދެ އެއީ ތިޔަބޭފުޅުންނަކީ ޢިލްމު ލިބިހުރި ގިނަ ރޮނގުތަކުން ވިސްނަން ދަންނަ ހުނަރުވެރި ހަރުދަނާ ސިފަތަކެއް ލިބިހުރި ބޭފުޅުންނަށް، ގްރެޖުއޭޓްވުމަށް ހެއްދެވުމަށް.
އާދެ ގިނަ ބަޔަކު ޝާމިލު ވެގެން މިކުރި ބޮޑު އިންވެސްޓްމެންޓުގެ ނަތީޖާއާއިމެދު އުންމީދުތަކެއް ކުރާނެ. ތިޔަބޭފުޅުންގެ އާއިލާ އެދިވަޑައިގަންނަވާނީ ތިޔައިން ކޮނެމް ބޭފުޅަކީ މީހުންނަށް ރަހުމާއި އޯގާތެރި ބަޔަކަށްވުމަށް. ހަވާލުވާ މައްސޫލިއްޔަތު އަދާ ކުރެއްވުމުގައި ތެދުވެރި ބަޔަކަށް ވުމަށް. މަަސައްކަތުގައި ފިސާރި މުރާލި ބަޔަކަށްވުމަށް. ނަތީޖާ ނެރެ، ފުއްދުންތެރިކަން ހެޔޮގޮތުގައި ހޭދަ ކުރާ ބަޔަކަށްވުމަށް. ފަހަސް ރައްކާ ކުރުމުގެ ވިސްނުން ހުރި، އެކަމަށް ސަމާލުކަންދޭ ބަޔަކަށް ވުމަށް.
ލޮބުވެތި ގްރެޖުއޭޓުން. މިއީ 21 ވަނަ ޤަރުނު. މިޒަމާނުގައި އަޖައިބު ވާހާ މިންވަރަށް ވަގުތާއި ރާސްތާ މިވަނީ ހުޅުވިފަ. ޖިއޮގްރަފީ ގޮތުން ބަލާއިރު ކައިރީގައިވާ ޤައުމުތަކާއި ދުރުގައިވާ ޤައުމުތައް މުއާސަލާތު ކުރުމަށް ދަތުރުފަތުރު ކުރުމަށް އައިސްފައިމިވަނީ ހީނުކުރާފަދަ ހަލުވި ކަމެއް. އިހުގައި އަޅުގަނޑުމެން ދުށް މާސިންގާ ދުރު ރާސްތާ މިއަދު ނެތް ފަދަ.
އާދެ، މިކުރިއެރުންތައް އަޅުގަނޑުމެންނަށް ދަސްކޮށްދިނީ އާއިލާތައް ބަދަހިކޮށް ތިބުމަށް. ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން. ޤައުމުތައް ކުރިއަރާ ދިޔުމުގައި ހިއްސާ ކުރުމާއި ދީލަތިވުމުގެ ބޭނުންތެރިކަން ބޮޑުވެފައިވާ މިންވަރު.
ޝައްކެއްނެތް އަޅުގަނޑުމެންގެ މި ހިތްގައިމު ދިވެހި ރާއްޖޭގެ ކުރިއެރުމަށް ހިތް ފަސޭހަ ދިރިއުޅުމެއް ކޮންމެ ދިވެއްސަކަށް ތަނަވަސް ކޮށްދެއްވުމަށް ތިޔައިން ކޮންމެ ބޭފުޅަކު އަދާ ކުރެވޭނެ މުހިންމު ދައުރުތަކެއް އެބަހުރި. އާދެ އިންސާނީ ޙައްޤުތައް ކަށަވަރު ކުރާ ކުރިއަރުވާ ޤައުމެއްގެ ގޮތުގައި މިރާއްޖެ އޮތުން ދިވެހިން އަބަދުވެސް ބޭނުންވޭ. އާދެ އެއީ އިއްޔެވެސް އަދި މިއަދު ވެސް އަދި މާދަމާ ވެސް."