ވިލާ ކޮލެޖަށް ޔުނިވަރސިޓީއެއްގެ ދަރަޖަ ލިބުމަކީ އެންމެ ބޮޑު އުންމީދު ކަމަށާއި ވިލާ ކޮލެޖަށް ޔުނިވާސިޓީ އެއްގެ ދަރަޖަ ލިބުމަށް އިތުރު ހުރަހެއް ނެތްކަން ސަރުކާރުން އެކުލަވައިލި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަމަށް ވިލާ ކޮލެޖުގެ ބާނީ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވިލާ ކޮލެޖުން މިއަދި ދަރުބާރުގޭގައި ބޭއްވި ދަސްވެނިވުމުގެ ޕްރޮގްރާމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ މަތީ ތައުލީމުދޭ ތަންތަން ވަޒަން ކުރުމުގެ މިންތަކުން ވިލާކޮލެޖު އަބަދުވެސް ވަޒަންކޮށް ޔުނިވާސިޓީ ދަރަޖަ ހޯދުމަށް އަމާޒު ހިފައިގެން މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. އަދި ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ވެސް ކޮލެޖުގެ އިންތިޒާމުތަކާއި ހިންގުން ވަޒަން ކޮށްފައިވާ ކަމަށާއި ޔުނިވާސިޓީ އެއްގެ ދަރަޖަ ލިބުމަށް އިތުރު ހުރަހެއް ނެތް ކަންވެސް ވަނީ ރިޕޯޓުގައި ފާހަގަ ކުރައްވާފައި ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ދިވެހި ޖުމްހޫރިއްޔާގެ އައު ޒަޢާމަތު ފެށިގެން އަވަސް ފުރުސަތެއްގެ ތެރޭގައި ﷲ ތަޢާލާގެ ވާގި ފުޅާއިއެކު "އަޅުގަނޑުމެންގެ މިއުންމީދު" ހަގީގަތަކަށް ވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހި ރާއްޖޭގެ ޑިމޮކްރެޓިކް ޙަޔާތުގައި އައު ޒަޢާމަތެއް ފެށޭނެ. އެހެންކަމުން މިފިޔަވަޅު މަތީ ހުރެ އަޅުގަނޑުމެންގެ އިންތިހާބީ ރައީސް އޮނޮރަބަލް އިބްރާހިމް މުޙައްމަދު ސޯލިހާއި އަދި އިންތިހާބީ ނައިބު ރައީސް އޮނޮރަބަލް ފައިސަލް ނަސީމް އަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވުމަކީ ވިލާ ކޮލެޖު އަދި ވިލާ އިންޓަނޭޝަނަލް ހައިސްކޫލަށް ލިބޭ ވަރަށް ބޮޑު އުފަލެއް."