ދިވެހިންނަށް މަތީ ތައުލީމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމަކީ އަޅުގަނޑަށް ކުރެވޭ އެންމެ މަތިވެރި އެއް މަސައްކަތް: ޤާސިމް އިބްރާހީމް

ކިޔުމަށް ހޭދަވާނީ 3މ 46ސ
ދިވެހިންނަށް މަތީ ތައުލީމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމަކީ އަޅުގަނޑަށް ކުރެވޭ އެންމެ މަތިވެރި އެއް މަސައްކަތް: ޤާސިމް އިބްރާހީމް
ދިވެހިންނަށް މަތީ ތައުލީމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމަކީ ކުރެއްވޭ އެންމެ މަތިވެރި އެއް މަސައްކަތްޕުޅު ކަމަށް ވިލާ ކޮލެޖާއި ވިލާ ފައުންޑޭޝަނުގެ ބާނީ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

"މާތް ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެންގެ މިމަސައްކަތުގެ ލާބައާއި މަންފާ ދިވެހި ރާއްޖޭގެ ގިނަ އާއިލާތަކަށް ވަނީ ލިބިފަ. އަޅުގަނޑުގެ ޙަޔާތުގައި ހޭދަވާ ކޮންމެ ދުވަހަކު ވަރަށް ގިނަ މުހިންމު ނިންމުން ތަކެއް ނިންމަން."

ވިލާ ކޮލެޖުން މިއަދު ދަރުބާރުގޭގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ވިލާ ކޮލެޖުން ދެވޭ ތައުލީމާއި ފެންވަރު ދުނިޔޭގެ ފެންވަރުގައި ވަޒަން ކުރެވި ވިލާ ކޮލެޖަށް މަތީ ތަޢުލީމުގައި އާދެވިފައިވާ ހިސާބު މިހާރު މިވަނީ ވަރަށް ރަނގަޅަށް ސާފުވެފައި ކަމަށެވެ. އެހެންކަމުން ކުރިއަށް ދިއުމަށް ދެން ކުރާން ހުރި ކަންކަން މިވަނީ ދެނެގަނެވިފައި ކަމަށެވެ.

ޤާސިމް އިބްރާހީމްގެ ވާހަކަފުޅުން:

އިއްޒަތްތެރި ވައިސް ޗާންސެލާރ ޕްރޮފެސަރ ސްޓީވް، އަރިހުގައި ވަޑައިގެން ތިއްބވި ބޭފުޅުން، އަޅުގަނޑު ތިޔަ އިއްޒަތްތެރީންނަށް މަރުހަބާ ދަންނަވާ އިކްލާސްތެރި ކަމާއެކު ޝުކުރު ދަންނަވަން. ޔޫވީގެ އިއްޒަތްތެރި ޗާންސެލާ އަދި ވައިސް ޗާންސެލާ އާއި އެންމެހާ ހިންގުންތެރީންނަށް އަޅުގަނޑުމެން އިޚުލާސްތެރިކަމާއެކު ޝުކުރު ތަކުރާރުކޮށް ދަންނަވަން. އަޅުގަނޑުމެން އެދެނީ ޔޫވީ އާއި ވީސީގެ އޮންނަ ގުޅުން ބަދަހިވެ ދުވަހުން ދުވަހަކަށް ކުރިއެރުން.

ތިޔަބޭފުޅުންނަށް މިދިވެހިރާއްޖެއިން މެހެމާންދާރީ އެރުވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިދަތުރަކީ އުފާވެރި ދަތުރަކަށް ވާނޭ ކަމަށް އުންމީދު ކުރަން. ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑާއި ވިލާ ކޮލެޖު ގާއިމް ކޮށްފައިވަނީ ކާމިޔާބު، ވަރަށް ކާމިޔާބު ގުޅުމެއް. އިލްމީ ތަޖުރިބާތަކުން، ފަންނީ އެހީތެރިކަމުން، ވިލާ ކޮލެޖަށް ލިބެމުން މިދަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް.

އާދެ، އަޅުގަނޑު މިހެން ދަންނަވާއިރު މިއަދު ގްރެޖުއޭޓްވި ބޭފުޅުންގެ އަތްޕުޅަށް އަޅުގަނޑުމެން ސެޓްފިކެޓެއްގެ ސިފައިގައި ނުވަތަ ސަނަދެއްގެ ސިފައިގައި އެއްޗެއް ނޭރުވޭތީ، އަޅުގަނޑަށް ވީ އައު ކަމަކަށް، މާފު ކުރައްވާތި.

އެހެންނަމަވެސް އެއީ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މަސައްކަތް ކުރައްވަމުން ގެންދަވާ ގޮތްކަން އަޅުގަނޑު މައުލޫމާތަށްތަކައި ދަންނަވާލަން.

ތިއެންމެ ބޭފުޅުން ގްރެޖުއޭޓްވެ ވަޑައިގެންނެވިއިރު އަތްޕުޅު ހުސްކޮށް ވަޑައިގަންނަވާތަން ފެނުނީމަ ފަހަރެއްގަ ޓީވީ ބައްލަވާ ބޭފުޅުންނަށް، މީގެ ކުރީގައި އޮތް ގޮތް ކަމުގައި ނޫން ކަމަށްވާތީ، ފުސް ކަމެއް އަތުވެދާނެ ކަމަށްޓަކައި އަޅުގަނޑު އެވާހަކަ ދަންނަވައިލީ.


ޑރ. އަހުމަދު އަންވަރުގެ ބެއްލެވުމުގެ ދަށުން ވިލާ ކޮލެޖު އުފައްދާ، ތަރައްގީ ކުރުމަކީ އަޅުގަނޑަށް ނިންމިފައިވާ އެންމެ ކާމިޔާބު އެއް ނިންމުން. ޑރ. އަންވަރަކީ ތައުލީމާއި ތަޖުރިބާގެ މާހިރެއް، ބޮޑު ޚަޒާނާއެއް. އަމްދުން ދިވެހިރާއްޖޭގެ ކޮންމެ ރަށަކަށް އެތައް ފަހަރަކު ވަޑައިގެން ދިވެހިންގެ ހާލަތު ވަރަށް ގާތުން ތަޖުރިބާ ކުރައްވާފައިވާ ބޭފުޅެއް. އާދެ، އެކަމުގެ ހެކި އަޅުގަނޑުމެންނަށް ރާއްޖޭގެ ހުރިހާ ކަންކޮޅަކުން ފެންނަމުން އެބަދޭ. މާލޭގެ އިތުރުން ރާއްޖޭގެ އެކިއެކި ރަށްރަށުގައި ވިލާ ކޮލެޖުގެ އެކިއެކި ފެކަލްޓީތައް ހުޅުވި ނުވަތަ ވިލާ ކޮލެޖުގެ އެކިއެކި ބްރާންޗުތައް ފެށިގެން މަަސައްކަތް ކުރެވެމުންދާކަން އެއީ އަޅުގަނޑުމެން މިދެންނެވި ކަމުގެ ހެއްކެއް.

އާދެ އެމަނިކުފާނު ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ކުދިންނާއި މެދުގައިވެސް އެމަނިކުފާނުގެ ވިސްނުން ހުރީ ހަމަ ގައިމުވެސް ނުދަންނަވަން މިވެނި ރަށެއްގަ ނުވަތަ އެވެނި ރަށެއްގަ ވިލާ ކޮލެޖުގެ މަސައްކަތް ކޮށްދެއްވާށެކޭ. އެމަނިކުފާނުގެ އަމިއްލަ ވިސްނުންފުޅާއި އަމިއްލަ ސެނެޓާއި ކައުންސިލްގެ ބޭފުޅުންގެ ދުރު ވިސްނުންފުޅުން އެކަން ކުރިއަށް ގެންދަވާކަމީ ހަމަގައިމުވެސް ދިވެހި ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް.

މިއުފާވެރި ބައްދަލުވުމަށް ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. ތައުލީމާއި ތަރުބިއްޔަތު ދިނުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތް ﷲ (ސުބްހާނަހޫ ވަތައާލާ) ބަރަކާތް ލައްވާށި. ޢިލްމުގެ ނޫރުން އަޅުގަނޑުމެންގެ ހިތްތައް އަލި ކުރައްވާ އުޖާލާ ކުރައްވާށި. މިލޮބބުވެތި ވަޠަން ކުރިއެރުމަށް ދުވަހެއް ދުވަހަކަށް ފަހި މުސްތަޤްބަލެއް މިންވަރު ކުރެއްވުމަށް ﷲ ސުބްހާނަހޫ ވަތައާލާ ހަޟްރަތަށް ދުޢާ ދަންނަވަމުން އަޅުގަނޑުގެ ވާހަކަ ނިންމާލާނަން. ވައްސަލާމް އަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހް."
މިއަދު އޮންލައިން