ހުވާކުރަން ބޭނުމީ ޤާނޫނީ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރެވިގެން: އިންތިޚާބީ ރައީސް
ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާކުރައްވަން ބޭނުންފުޅުވަނީ ޤާނޫނީ ގޮތުން އެކަމަށް ފުރިހަމަކުރެވެން ހުރި ހުރިހާ މަރުޙަލާއެއް ފުރިހަމަކުރެވިގެން ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މަޖިލީހުން ނިންމާ ނިންމުމަކަށް ހުވާކުރައްވައިފިނަމަ ކޮންމެ ވެސް ދުވަހަކުން އެ މައްސަލަ ކޮންމެވެސް މީހަކު ސްޕްރީމް ކޯޓަށް ހުށަހަޅައިފާނެ ކަމަށާއި އެފުރުޞަތު އެގޮތަށް އޮންނަން ބޭނުންފުޅު ނުވާ ކަމަށެވެ.
2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ވެރިކަމުގެ ދައުރު ހަމަވުމުން ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ވެރިކަމުގައި ހުންނެވީ ކޮން ދައުރެއްގެ ތެރެއިން ކަމާއިމެދު އިންތިޚާބީ ރައީސް ވަނީ ސުވާލު އުފައްދަވައިފައެވެ. "ވެރިކަމުގެ ދައުރު އިތުރުކޮށްގެންތޯ ނުވަތަ 11 ނޮވެމްބަރުގައި ފެށުނު ރިޔާސީ ދައުރުގެ ތެރެއިންތޯ؟" އެމަނިކުފާނު ވަނީ ސުވާލު ކުރައްވައިފައެވެ.