ފޯރިގަދަ ބަހުސަކަށްފަހު 1.30 ގައި ވޯޓުނަގަން މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލައިފި
ފޯރިގަދަ ބަހުސަކަށްފަހު 1.30 ގައި ވޯޓުނަގަން މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލައިފި އެވެ.
މިއަދުގެ ޖަލްސާގއި 42 މެންބަރުން ބައިވެރިވިއެވެ. އެއިގެ ތެރޭގައި 2 އަހަރުގެ މެދު ކެނޑުމަކަށްފަހު ބައިވެރިވެވަޑައިގެންނެވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމްދު މަޚްލޫފް އާއި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމުން މަޖިލީހަސް ނުވަދެވި އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ 12 މެންބަރުންގެތެރެއިން ސްޕްރީމް ކޯޓުން މިހައިތަނަށް މައްސަލަ ނިމިފައިވާ މެންބަރުން ހިމެނެއެވެ.
ހެނދުނުގެ ދަންފަޅީގައި ކުރިއަށް ގެންގޮސްފައިވަނީ ރިޔާސަތުން ހުށަހެޅުއްވި އިންތިޚާބީ ރައީސް ހުވާކުރައްވާނެ ދުވަސް ކަނޑައެޅުމުގެ މައްސަލައެވެ. ޕީޕީއެމްގެ ބައެއް މެންބަރުން ވިދާޅުވީ މިއީ މަޖިލީހަށް ހުށަހެޅޭނެ މައްސަލައެއް ނޫން ކަމަށެވެ. ރިޔާސަތުގައި އިންނެވި ނައިބްރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ ޤާނޫނީ ކަމެއްގައި ޚިޔާލުތަފާތުވެއްޖެނަމަ އެކަމަށް ގޮތެއް ނިންމަން އެންމެ އެކަށީގެންވާ ތަނަކީ ރައްޔިތުންގެ މަޖިލީސް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ ބައެއް މެންބަރުންގެ މައްސަލަ ސްޕްރީމް ކޯޓުން ބާޠިލުކުރަމުން ގެންދާކަން ފާހަގަކުރައްވައި މޫސާ މަނިކު މިއަދު ވިދާޅުވީ މަޖިލީހުން ކަންކަން ނިންމަންވާނީ އެހެން ފަރާތަކުން ބާޠިލު ނުކުރާނެ ގޮތަށް ބަލައި ސަމާލުކަން ދޭންޖެހޭ ކަންކަމަށް ސަމާލުކަން ދީގެންނެވެ.
މިއަދުގެ ޖަލްސާގައި ވަނީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު ވަނީ އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާ ކުރައްވާ ދުވަސް ކަނޑައެޅުމުގެ މައްސަލަ 7 މެންބަރުންގެ ކޮމިޓީއަކަށް ގެންދިއުމަށް ހުށަހަޅުއްވައިފައެވެ.
ޕީޕީއެމްގެ 4 ވަރަކަށް މެންބަރުން ރައީސް ޔާމީނުގެ ވެރިކަމުގެ ދައުރު ނިންމަން ޖެހޭނީ ނޮވެމްބަރު 17 ގައި ކަމަށް ބުނި ނަމަވެސް ޕީޕީއެމްގައި ހުންނެވި، ަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެތެރޭގައި ހިމެނިވަޑައިގަންނަވާ ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ޙުސައިން ވިދާޅުވީ ރިޔާސީ ދައުރު 11 ނޮވެމަބަރުގައި ފަށަން ޖެހޭނެ ކަމަށާއި އެއީ ޤާނޫނުން ވަރަށް ސާފުކޮށް އެނގެން އޮތް ކަމެއް ކަމަށެވެ.