އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ނޮވެމްބަރު 17ގައި ބާއްވަން ކޮމިޓީން ފާސްކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 10ސ
އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ނޮވެމްބަރު 17ގައި ބާއްވަން ކޮމިޓީން ފާސްކޮށްފި
އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ޞާލިހާއި ނައިބް ރައީސް ފައިސަލް ނަސީމް ހުވާކުރެއްވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ 17 ނޮވެމްބަރު 2018ގައި ބޭއްވުމަށް އެކަމަށްޓަކައި މަޖިލީހުން މިއަދު އެކުލަވައިލި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ކޮމިޓީގައި ތިއްބެވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޢަބުދުﷲ ޝާހިދު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، ކެލާ ދާއިރާގެ މެމްބަރު ޢަލީ އާރިފް، މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު، ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އަދި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޟް ރަޝީދު އެވެ.

ހުވާކުރުމުގެ ޖަލްސާ 17 ނޮވެމްބަރުގައި ބޭއްވުމަށް ފާސްކުރި އެކަމަށް އެކުލަވާލި ކޮމެޓީގައި ތިއްބެވި 7 މެމްބަރުންގެ އިއްތިފާޤުންނެވެ. މިކަމަށް ގޮތެއް ނިންމުމަށް މަޖިލީހުގެ 2 ވަނަ ޖަލްސާއެއް މިއަދު ހަވީރު 4.00 ގައި ބާއްވަން ވަނީ ހަމަޖެހިފައެވެ.

ކޮމިޓީން މިގޮތަށް ނިންމާފައިވަނީ 17 ނޮވެމްބަރު 2013 ގައި ރައީސް ޔާމީނު ވެރިކަމާއި ހަވާލުވެވަޑާއިގެންނެވި ހުވާގެ އިޤުރާރަށް ރިއާޔަތްކޮށް ކަމަށް ކޮމިޓީން ވަނީ ބުނެފައެވެ.

މަޖިލީހުން މި ގޮތަށް ފާސްކޮށްފިނަމަ ޒަމާނުންސުރެ ޖުމްހޫރީ ދުވަހު ބާއްވަމުން އައި ރަސްމިއްޔާތު ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ބަދަލުވެ އެ ދުވަހުގެ މުހިންމުކަމުގެ ބޮޑުބައެއް އުނިވެގެންދާނެއެވެ.
މިއަދު އޮންލައިން