މާލެއިން ބޭރުގައި ކުރާ ފުރަތަމަ ކަކުލު ހުޅު ބަދަލުގެ އޮޕަރޭޝަން މާދަމާ އައްޑޫސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ކުރަން ހަމަޖެހިއްޖެއެވެ.
"މިހާރު" ނޫހަށް މައުލޫމާތު ދެއްވަމުން އޮޕަރޭޝަން ކުރައްވާ އައިޖީއެމްއެޗުގެ ކަށީގެ ހާއްސަ ޑޮކްޓަރު އަދި ކަށީގެ ޑިޕާޓްމަންޓުގެ ހެޑް، ޑރ. އަލީ މުޒުނީ
ވިދާޅުވެފައިވަނީ މާދަމާ އޮޕަރޭޝަން ކުރައްވަނީ އުމުރުން 60 އަހަރުގެ އަންހެނެއް ކަމަށެވެ.
މުޒުނީ ވިދާޅުވެފައިވަނީ އައިޖީއެމްއެޗްގައި މިހާރުވެސް ހުޅު ބަދަލުކުރަން ދިގު ކިޔޫއެއް އޮތުމާއި އައިޖީއެމްއެޗްގައި ޖާގައިގެ ދަތިކަން އޮތުމުން ރީޖަނަލް ހޮސްޕިޓަލްތަކުގައި ކުރެވެން ފެށުމަކީ ލިބޭ ކުރިއެރުމެއް ކަމަށެވެ. އަދި ރާއްޖޭގެ އެހެން ރީޖަނަލް ހޮސްޕިޓަލުގައިވެސް ހުޅުބަދަލުކުރުމުގެ އޮޕަރޭޝަން ކުރަން ފެށޭ ދުވަހަކަށް އުންމީދު ކުރައްވާ ކަމަށެވެ.
މުޒުނީ ވަނީ މެޑިކާ ހޮސްޕިޓަލްގައި ވެސް ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކުރައްވައިފައެވެ. މުޒުނީ ވަނީ ހުޅު ބަދަލުކުރުމުގެ 2000 އަށް ވުރެ ގިނަ އޮޕަރޭޝަން ކުރައްވާފައި ކަމަށް ވެސް "މިހާރު" ނޫހުގައި ބުނެފައިވެއެވެ.