ކުރިމަތިވެވަޑައިގަންނަވާ ގޮންޖެހުންތަކާއިއެކުވެސް އިޞްލާޙީ މަސައްކަތްތަކުގައި ދެމިހުންނަވާތީ އިންތިޚާބީ ނައިބް ރައީސް ފައިޞަލް ނަސީމް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްއަށް ޝުކުރު އަދާކުރައްވައިފިއެވެ.
ފައިޞަލް މިކަން ހާމަކުރައްވާފައިވަނީ ފައިޞަލްވެސް ބައިވެރިވެވަޑައިގެން ރޭ ބޭއްވި ޖޭޕީގެ ކައުންސިލުގެ ބައްދަލުވުމުގައި ބައިވެރިވި 61 މެންބަރުންގެ އިއްތިފާޤުން ޕާޓީގެ ލީޑަރުކަމަށް ޤާސިމް އިބްރާހީމް އިންތިޚާބުކުރުމުން މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓްގައެވެ.
ފައިޞަލް ވިދާޅުވީ ޤައުމުގެ ކަންކަން އިޞްލާޙް ކުރައްވަން ޤާސިމް އިބްރާހީމް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ދައްކަވަމުން ގެންދަވާ ނަމޫނާއަށް ޝުކުރު ދަންނަވާ ކަމަށެވެ.
ޤާސިމް އިބްރާހީމް ރޭ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ޓިކެޓް ޖޭޕީއަށް ލިބި އެ ޓިކެޓްގައި ފައިޞަލް ނަސީމް ވާދަކުރައްވައި އިންތިޚާބު ކާމިޔާބުކުރެއްވުމުން އުފާފުޅު ކުރައްވާ ކަމަށާއި އަދި އެއީ ޕާޓީއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
ފައިޞަލަކީ ފެށުނީންސުރެ ޖޭޕީއަށް ވަރަށް ވަފާތެރި ޚިދުމަތްތެރިއެކެވެ. ފައިޞަލް ވަނީ ފާއިތުވި ހުރިހާ އިންތިޚާބުތަކެއްގައިވެސް ލީޑަރު ޤާސިމް އިބްރާހީމްއަށް ވަރަށް ބޮޑަށް އެހީތެރިވެދެއްވައިފައެވެ. ފައިޞަލް ޓިކެޓް ކާމިޔާބުކުރެއްވީ އެކަމަށް ކުރިމަތިލެއްވި 4 ބޭފުޅުންގެ މެދުގައި ބޭއްވި ކައުންސިލުގެ އިންތިޚާބަކުންނެވެ.
Hon. @qasimibrahim jumhooree partyge Leader kamah hovivadaigathumun marhaba dhannavan. Islaahee masakkathuga thiya dhakkava namoona ah ikhlaastherikamaa eku shukuru dhannavan. pic.twitter.com/W4bDHCnyJZ
— Faisal Naseem (@FaisalNasym) October 28, 2018