އިންތިހާބީ ރައީސް ސޯލިހް ލަންކާއަށް، ވަޑައިގަންނަވާނީ ރައީސް ނަޝީދާ އެކު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އިންތިހާބީ ރައީސް ސޯލިހް ލަންކާއަށް، ވަޑައިގަންނަވާނީ ރައީސް ނަޝީދާ އެކު
އިންތިހާބީ ރައީސް އިބްރާހިިމް މުހައްމަދު ސޯލިހް (އިބޫ)، މާދަމާ ސްރީލަންކާ އަށް ވަޑައިގަންނަވަން ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާރިޔާ މެހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މާރިޔާ ވިދާޅުވީ އިންތިހާބީ ރައީސް ސޯލިހް މާދަމާގެ ވަގުތެއްގައި ލަންކާއަށް ވަޑައިގަންނަވާނެ ކަމަށާއި މިކޮޅަށް ވަޑައިގަންނަވާނީ ރައީސް ނަޝީދާއެކު ކަމަށެވެ.

އަމިއްލަފުޅަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި އުޅުއްވާތާ ތިން އަހަރަށް ފަހު އަންނަ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގަންނަވަން ރައީސް ނަޝީދު ވަނީ ނިންމަވައިފަ އެވެ.

ސްޕްރީމް ކޯޓުން މިއަދުގެ ވަގުތެއްގައި ވަނީ ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ވަގުތީ އަމުރެއްނެރެފައެވެ.

އެއަމުރުގައި ބުނެފައިވަނީ، ރައީސް ނަޝީދުގެ ޖަލު ހުކުމާ މެދު އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން، ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް އަމުރުކުރާ ކަމަށާޢި އަދި ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމާ ގުޅިގެން، ނަޝީދާ މެދު އެއްވެސް ފަރާތަކުން އެއްވެސް ފިަޔަވޅެއް ނޭޅުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގެ މައްޗަށް އަމުރުކުރާކަމަށެވެ.
މިއަދު އޮންލައިން