ރާއްޖޭގެ ވެރި ރަށް މާލެ ފެހިކުރުމުގެ ޚާއްސަ މަޝްރޫއެއްގެ ދަށުން، މާލޭގެ މަގުތަކުގައި 4،000 އަށް ވުރެ ގިނަ ގަސް އިންދަން ސަރުކާރުން ނިންމައިފި އެވެ.
އެގޮތުން މި މަޝްރޫއުގެ ދަށުން މާލޭގައި އިންދާނެ ގަސް ރާއްޖޭން ބޭރުން ގެނެސްދޭނެ ބަޔަކު ހޯދުމަށް އެންވަޔަރަމެންޓް މިނިސްޓްރީން މިހާރު ވަނީ އިއުލާނުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިމަސައްކަތަށް ޝައުގުވެރިވާ މީހުން އަންނަ އަންގާރަ ދުވަހު ބީލަން ހުށަހަޅަން ޖެހެ އެވެ.
މާލެ ފެހިކުރުމަށް ބޭނުންވާ ގަސް ގެނެސްދޭނެ ބަޔަކު ހޯދަން މިހިނގާ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ވެސް އިއުލާނުކުރި އެވެ. ނަމަވެސް އެ އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ނުލިބޭތީ އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ އަލުން އެއިއުލާން ކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން އެމިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) ވިދާޅުވީ ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ގަސް ކަނޑަން ބޭނުން ނުވާތީ އެ ގަސްތައް ގެންނަން ހަމަޖައްސާފައިވަނީ ރާއްޖޭން ބޭރުން ކަމަށާއި މަގުތަކުގައި އިންދަން ހަމަޖައްސާފައިވަނީ ރާއްޖޭގައި މިހާރު ވެސް އާއްމުކޮށް ހުންނަ އެކި ވަރުގެ ގަސްތައް ކަމަށެވެ. އޭގެ ތެރޭގައި ހިތި ގަހާއި ބޮޑު ޖަވާހިރު ގަހާއި އައްމަލްތާސް ފަދަ ބޮޑެތި ގަސްތައް ހިމެނޭ ކަމަށާއި އެ ގަސްތައް ހެދިބޮޑުވުމުން 20 ފޫޓަށް ވުރެ ދިގުވާނެ ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ.