ރައީސް ޔާމީނުގެ ސަރުކާރުގެ ތެރެއިން ފެންނަމުން މިދަނީ މުޅި ފުށްގަނޑު އެކުގައި ކައިލަން އުޅުމުން ކުރިމަތިވެފައިވާ ކަންކަމަށް މާލެ ސީޓީގެ ކުރީގެ މޭޔަރ ސަރަނގު އާދަމް މނިކު ވިދާޅުވެއްޖެއެވެ.
މިއަދުނޫހަށް މައުލޫމާތު ދެއްވަމުން އާދަމް މަނިކު މިއަދު ވިދާޅުވީ އަތުން ފުށްގަނޑެއް މޮޑޭނަމަ ކޮންމެވެސް މިންވަރަކަށް އަތުގައި ފުށް އުނގުޅޭނެ ކަމަށާއި ނަމަވެސް ރައީސް ޔާމީނުގެ ސަރުކާރުގައި މައްސަލައަށްވެގެން މިއުޅެނީ ފުށްގަނޑު އެކުގައި ކާލަން އުޅުން ކަމަށެވެ.
އާދަމް މަނިކުވިދާޅުވީ ކޮންމެ ކަމެއްވެސް ކުރަމުން ގެންދަނީ އެކަމެއްގައި އިންތިހާއަށް ކޮރަޕްޝަން ހިމެނޭ އަދި ރައްޔިތުންނަށް ފައިދާ ނުކުރާ ގޮތަށް ކަމަށެވެ. "ނިކަން ބައްލަވަ ބަހައްޓާފަ ހުރި ވެހިކަލް ޕާކިން ސްޓޭޝަންތައް. އެއިން ތަނެއްގެ ބޭނުމެއް ނުހިފޭ. މިހާރު ބައު ދަނގަނޑަށްވެސް ވިއްކާލަން އުނދަގޫވާނެ."
ހައުސިންގ މިނިސްޓްރީގައި ބަހައްޓަން މަސައްކަތް ކުރަމުން ގެންދާ "މޮޅު" ގޭޓްގެ މައްސަލަ ވެސް އާދަމް މަނިކު ފާހަގަކުރެއްވިއެވެ. އާދަމް މަނިކުވިދާޅުވީ އެ އިމާރާތަކީ ދަގަނޑު ޓިނު ޖަހައިގެން ހަދާފައިވާ އިމާރާތެއް ކަމަށާއި ނަމަވެސް އެތަނުގައި ހަރުކުރަން މަސައްކަތް ކުރަމުން ގެންދަނީ 2، 3 މިލިއަން ރުފިޔާގެ އަގު ހުރި ގޭޓެއް ކަމަށެވެ.
އާދަމް މަނިކު ވިދާޅުވީ މިއީ ރައްޔިތުންގެ ފައިސާއިން ކުރާ ވަރަށް ބޮޑު އިސްރާފެއް ކަމަށެވެ. "އެ ގޭޓެއް ހަރު ނުކުރެވިގެން އުޅޭތާ މިހާރު މަސްދުވަސްވެއްޖެ. "ސްޓޭންލަސް ސްޓީލުންހަދައި. މިއީތޯ ރައްޔިތުންގެ، ޓެކްސް ޕޭޔަރުންގެ ފައިސާއިން ޚަރަދުކުރަން އެންމެ ރަނގަޅު ކަންކަމަކީ. އެތަނުގަ ހަމަ އާދައިގެ ގޭޓެއް ލީނަމަވެސް ހަމަ ރަނގަޅުވާނެ ނޫންތޯ؟"
އާދަމް މަނިކު ވިދާޅުވީ މިނިސްޓަރަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅަކަށްވާތީ ތަންކޮޅެއް ބޮޑު، އިށީނދެވަޑައިގަންނަވަން ފަސޭހަވާނެ ގޮނޑިއެއް ބެހެއްޓުމަކީ ކުރަން އެންމެ ރަނގަޅު ކަމެއް ކަމަށް ޤަބޫލުފުޅު ކުރައްވަވާ ކަމަށެވެ. "ސަރުކާރު އޮފީސްތައް އެއާކޯން ކޮށްފަ ބެހެއްޓުން ވެސް ހަމަ ރަނގަޅު. އެކަމަކު ގޭޓަކާ އޮތީ ކޮންކަމެއްތޯ؟"
އާދަމް މަނިކު ވިދާޅުވީ ބްރިޖް އެޅުމުން ދަތުރުކުރަން ވަރަށް ވަރަށް ފަސޭހަ ވެއްޖެ ކަމަށާއި ނަމަވެސް މިހާރުވެސް ކޮންމެ ދުވަހަކު ހެނދުނު ފެންނަނީ ދަގަނޑުތަކުން ދަބަރުތަޅަން ތިބޭތަން ކަމަށެވެ. "އެމީހުން ތިބެނީ މަސައްކަތް ކުރާކަން އެނގޭނެ ނިޝާންތައް ބަހައްޓައިގެނެއްވެސް ނޫން. އެކްސިޑެންޓެއްވެސް ވެދާނެ ނޫންތޯ؟ މިހެން ކޮންމެ ދުވަހަކު ދަބަރު ތަޅައި ދަވާދުލުމަށްވުރެ ދެންވެސް ރަނގަޅު ވާނެ ދަނބަރު ނުޖަހާނެ މޮޅު ދަވާދެއް ހޯދައިގެން ލުން."
އާދަމް މަނިކު ވިދާޅުވީ ރިންގ ރޯޑު ހެދިއިރު ޤާނޫނާ ޚިލާފުވެގެން އެންވަޔަރަންމަންޓް މިނިސްޓްރީން ހައުސިންގ މިނިސްޓްރީ ޖުރުމަނާކުރުން އެއީ ފާއިތުވި ހައެއްކަ މަސް ދުވަސްތެރޭ ކުރި އެންމެ ބޮޑު "ޖޯކު" ކަންތައް ކަމަށެވެ. "އެހުރިހާ ކަމެއް ކުރަމުން ގެންދިއައިރު ހަމަ އެންވަޔަރަންމަންޓް މިނިސްޓްރީއަށް ނުފެނުނީތޯ؟ މިފެންނަނީ ޤާނޫނާ ޚިލާފަށް، ހިންގާ، ކޮރަޕްޝަން ހިމެނޭ މައްސަލަތައް ކޮންމެވެސް ގޮތަކުން ފޮރުވަން އުޅޭތަން."
އާދަމް މަނިކު ވިދާޅުވީ ހައުސިންގ މިނިސްޓްރީން ޤާނޫނާއި ޚިލާފަށް އެ މަޝްރޫޢު ހިންގީ މިނިސްޓަރުގެ ހުއްދައާއިއެކުގައި ކަމަށާއި ޖުރުމަނާކުރަންޖެހޭނީ މިނިސްޓަރު ކަމަށެވެ. "ނޫނީ މިވާ ގޮތަކީ ފިނޭންސް މިނިސްޓްރީގެ އެއް އެކައުންޓުން ފައިސާ ނަގައި ހަމަ އެމިނިސްޓްރީގެ އެހެން އެކައުންޓަކަށް ޖަމާކުރަނީ. އެއީ ކޮށްގެންވާނެ ކަމެއް ނޫން. ޖުރުމަނާކުރަންޖެހޭނީ ކުށްކުރި މީހާ. ސަރުކާރުން ސަރުކާރު ޖުރުމަނާ ކުރުމުން ކުރާނެ އެއްވެސް ފައިދާއެއް ނެތް. އެއީ ކުރާ ކަމެއްވެސް ނޫން."
އާދަމް މަނިކު ވިދާޅުވީ ކުރާ ކޮންމެ ކަމަކުން މިފަދަ ކަންކަން ފެންނަމުން މިދަނީ އެއްވެސް ކަމެއް ރަނގަޅު ގޮތުގައި ކުރުމުގެ ނިޔަތްވެސް ނެތް އަދި ކޮރަޕްޝަނާއި ނުލައި އެއްވެސް ކަމެއް ކުރަން ބޭނުން ނުވާ ބައަކު ސަރުކާރު ހިންގާތީ ކަމަށެވެ. އަދި ރައްޔިތުންނަށް ފައިދާކުރާނެ ގޮތަށް ކަންކަން ކުރުމުގެ ތަޖުރިބާ ވެސް ނެތް ބައަކު ސަރުކާރު ހިންގާތީ ކަމަށެވެ.
އާދަމަ މަނިކުގެ ވާހަކަފުޅު- (އޯޑިއޯ):