ރައީސް ނަޝީދަށް ބްރިޖަށް އަރާވަޑައިގަންނަވަން ކެރިވަޑައިގަންނަވާނެތޯ؟ ރައީސް ޔާމީނު ހުޅުމާލެއަށް އަރާވަޑައިގަންނަވަން ލަދުގަތްތޯ؟ މިކިޔަނީ ކީކޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 35ސ
ރައީސް ނަޝީދަށް ބްރިޖަށް އަރާވަޑައިގަންނަވަން ކެރިވަޑައިގަންނަވާނެތޯ؟ ރައީސް ޔާމީނު ހުޅުމާލެއަށް އަރާވަޑައިގަންނަވަން ލަދުގަތްތޯ؟ މިކިޔަނީ ކީކޭތަ؟


"ރައީސް ނަޝީދަށް ބްރިޖަށް އަރާވަޑައިގަންނަވަން ކެރިވަޑައިގަންނަވާނެތޯ؟ ރައީސް ޔާމީނު ހުޅުމާލެއަށް އަރާވަޑައިގަންނަވަން ލަދުގަތްތޯ؟" މިކިޔަނީ ކީކޭކަމާއިމެދު ސުވާލު އުފެދެއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ބްރިޖެއް އެޅީތީ އެ ބްރިޖަށް ވަކި ދިވެހި ރައްޔިތަކަށް އަރަން ނުކުރެންވީ ކީއްވެގެންބާވައެވެ! ބްރިޖު އެޅީ ޗައިނާ އިން ދިވެހި ހުރިހާ ރައްޔިތުންނަށް ދިން ފައިސާ އާއި ހުރިހާ ރައްޔިތުން ދަރަނިވެރިކުރުވާފައި ނަގާފައިވާ ލޯނުންނެވެ. ބްރިޖު އަޅަން ކުރި ޚަރަދުގެ ތެރޭގައި ރައީސް ޔާމީނުގެ އަމިއްލަފުޅު އެއްވެސް ފައިސާއެއް ބޭނުންކުރިކަން އެނގިފައެއް ނެތެވެ. ނުވެސް ކުރެއެވެ.

ހުޅުމާލެ ފޭސް 1 އެއީ ރައީސް މައުމޫނު މާނިކަމެތި ޙާލުން ހިއްކެވި ބިމެކެވެ. ދއުލަތަށް ލިބޭ އާމްދަނީ އިން ފައިސާ އެކަމަށް އެއްކައިރި ކުރައްވައިގެން ހިއްކެވި ބިމެކެވެ. އެކަން ކުރެއްވި ރައީސް މައުމޫނު ޖަލުގެ ކުޑަގޮޅީގައި ބާއްވާފައި އެބިމަށް އަރާވަޑައިގަންނަވަން ރައީސް ޔާމީނު ލަދުގަތްތޯއެވެ؟ އެ ބިމުގައި ރައީސް ޔާމީނުގެ ފޮޓޯ ހަރުކުރަން ލަދުގަތްތޯއެވެ؟ އެ ބިމުގައި ރައީސް ޔާމީނުގެ ކެންޕޭނު ބެނަރތަކާއި ދިދަފަތި ދަމަން ލަދުގަތްތޯއެވެ؟ އިސްލާމީ މަރުކަޒަށް އަރައިވަޑައިގަންނަވަން ރައީސް ޔާމީނު ލަދުގަތްތޯއެވެ؟ ރައީސް މައުމޫނުގެ ވެރިކަމުގައި ގައު އެތުރި މަގުތަކުގައި ހިންގަވަން ނޫނީ ކާރު ދުއްވަވަން ލަދުގަތްތޯއެވެ؟ ރައީސް މައުމޫނުގެ ވެރިކަމުގައި ހަމަ ޗައިނާ ސަރުކާރުން އަޅައިދިން ނަރުދަމާ ނިޒާމު ބޭނުންކުރައްވަން ލަދުގަތްތޯއެވެ؟ ރައީސް ނަޝީދުގެ ވެރިކަމުގައި ހުޅުވި އިސްލާމިކް ބޭންކަށް ގޮތް ނުއެނގޭ ޑޮލަރުތައް މިލިއަނުން ޖަމާކުރައްވަން ލަދުގަތްތޯއެވެ؟

ރައީސް އިބްރާހީމް ނާޞިރު ލެއްވެވި ކަރަންޓާއި ހެއްދެވި ޓީވީ ސްޓޭޝަނާއި ޓެލެފޯނު ނިޒާމު ބޭނުންކުރައްވަން ލަދުގަތްތޯއެވެ؟

މިކިޔެނީ ކީކޭ ބާވައެވެ! މިކުރެވެނީ ކޮންކަހަލަ ސުވާލު ތަކެއްބާވައެވެ. ކޮންމެ ވެރިއަކުވެސް ވެރިކަން ކުރަނީ ރައްޔިތުންގެ ފައިސާއިން އިންތިހާއަށް ބޮޑު މުސާރަ ނަގައިގެންނެވެ. ވެރިއަކަށް ހުންނަ މީހާގެ މުސާރައާއި ކެއުމާއި ބޭސްފަރުވާ އާއި ޗުއްޓީ އާއި އަދި އެމީހެއްގެ ޢާއިލާގެ ޚަރަދުތަކަށް ދައުލަތުގެ ބަޖެޓުން، ރައްޔިތުންގެ ފައިސާއިން ދުވާލަކަށް މިލިއަނެއްހައި ރުފިޔާ ޚަރަދުކުރެއެވެ. ނުވިތާކަށް ކުއްޔަށް ދީފިނަމަ އަހަރަކު އެތައް މިލިއަން ޑޮލަރެއް ލިބޭނެ ރަށެއް ވެރިމީހާގެ މުނިފޫހި ފިލުވުމަށް އެބަ ބާއްވައެވެ. އެ ފައިސާ ހިމަނައިފިނަމަ ވެރިމީހާގެ މުސާރަ ޢާއި ޚަރަދުތަކަށް ދުވާލަކު އެތައް މިލިއަން ރުފިޔާއެއް އެބަ ޚަރަދުކުރެއެވެ.

ވެރިކަމާއި ހަވާލުވަނީ ޤައުމު ތަރައްޤީކުރުމަށެވެ. ރައްޔިތުންނަށް ލުއިފަސޭހަ ހޯދައި ދިނުމަށެވެ. އަދި ވެރިކަން ޙަވާލުކުރަނީވެސް އެކަންކަން ކޮށްދޭނެ ކަމަށްބުނެ އެތައް ވައުދެއްވެ ރައްޔިތުންނަށް އެތައް އާދޭހެއްކޮށް ސަލާން ޖަހައިގެންނެވެ. ރައްޔިތުން ނުކުމެ ކަލާކޮށްޓަކައި ގޮވައި އަހަރެމެންނަށް ވެރިކަންކޮށްދޭށޭ ކިޔައި އާދޭސްކޮށްގެނެއް ނޫނެވެ.

ރާއްޖެއަށް އެންމެ ބޮޑު ތަރައްޤީއެއް ގެނެސްދެއްވި، އެކަމުގައި އެންމެ ބޮޑެތި ޤްރްބާނީ ތަކެއް އުފުއްލެވި ރައީސް އިބްރާހީމް ނާޞިރާއި ރައީސް މައުމޫނު ވެސް ވެރިކަން ދޫކުރެއްވެވިއެވެ. އެބޭފުޅުން ގެނެސް ދެއްވި ތަރައްޤީ ބޭނުންކުރަން އެއްވެސް މީހަކު ލަދު ނުގަނޭތޯ ނޫނީ ކެރޭނެތޯ އެއްވެސް މީހަކު ސުވާލެއް ނުކުރެއެވެ.

ރައީސް ޔާމީނު އެންމެފަހުން ގއ. ކޮލަމާފުށީގައި ރައްޔިތުންނާއި ބައްދަލުކުރެއްވިއިރުވެސް ވަނީ މިފަދަ ސުވާލުތަކެއް ކުރައްވައިފައެވެ. އެރަށުގެ ބަނދަރަށް އިދިކޮޅު ލީޑަރުން ވަޑައިގަންނަވާ އުޅަނދުތައް ވަދެ ނުކުމެވާނެ ކަމުގެ ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނު ތަރައްޤީ ކުރެއްވި ބަނދަރަކަށްވާތީ ކަމަށް ވެދާނެއެވެ.

މިވާހަކަފުޅު ދެއްކެވިއިރު އެރަށުގެ ބަނދަރު އެމަނިކުފާނު ތަރައްޤީ ކުރެއްވުމުގެ ކުރިން ހަމަ އެ ބަނދަރަށް އެމަނިކުފާނު ވަޑައިގެންނެވީ ކިހިނެއް ކަމެއް ވިދާޅެއް ނުވެއެވެ. ކަނޑިންމަ ބޭނުން ނުކުރައްވައި ރަށަށް އަރާވަޑައިގަތީ ފުށްޓަރުން ކަމެއްވެސް ވިދާޅެއް ނުވެއެވެ. އެ ދަތުރަށް މާލޭ ކަނޑިންމައިން ނުކުމެވަޑައިގަތީ ޢާރޓިފިޝަލް ބީޗުން ކަމަކަށްވެސް ވިދާޅެއް ނުވެއެވެ.

ވީމާ ރައްޔިތުންގެ ވަޒިފާގައި ހުންނަ މީހަކު އެވަޒީފާގައި ހުރެ ކުރާ ކަންކަމުގެ ވާހަކަ ދައްކާއިރު މިފަދަ ހުރިހާ ކަންކަމަށް ވިސްނައިލަން އެބަޖެހޭ ނޫންބާވައެވެ! ރައީސް ނަޝީދަށް ބްރިޖަށް އަރާވަޑައިގަންނަވަން ކެރިވަޑައިގަންނަވާނެތޯ؟ ސުވާލުކުރުމަށްވުރެ ރައްޔިތުންގެ އަސާސީ ބޭނުންތައް ނުފުދި ތިއްބައި، ރަށްރަށުގައި ނަމާދުކުރާނެ އެކަށީގެންވާ މިސްކިތް ނެތި 10 މިސްކިތް އަޅާނެ ފައިސާ ބްރިޖުހުޅުވަން ޚަރަދުކޮށްލަން ރައީސް ޔާމީނަށް ކެރިވަޑައިގެންނެވި ސަބަބާއިމެދު ސުވާލުކުރުން މާރަނގަލު ނޫންތޯއެވެ!
މިއަދު އޮންލައިން