ކުރި ހުރިހާ ވައްކަމެއްގެ މައުލޫމާތު އެއްކުރާވާފައިވާ ކަމަށާއި ލީޑަރުންނާއި ޑީލް ހަދައިގެން ހަމަ އެކަކަށްވެސް، އެއްވެސް މެންބަރަކަށް ސަލާމަތް ނުވެވޭނެ ކަމަށް ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މިއަދު އިލްހާމް ވިދާޅުވީ ޖަލުގައި އޮންނެވީ ވަރަށް ނިކަމެތި ޙާލެއްގައި ކަމަށާއި އެހެންކަމާއިއެކުވެސް ޖަލުގައި އޮންނަވައިގެން ކުރެއްވި މަސައްކަތަކީ އެ މަުލޫމާތު އެއްކުރެއްވުން ކަމަށެވެ. "އެއްވެސް މީހަކާ ބަދަލު ނުކުރެވޭ ގޮތަށް، އެއްވެސް މީހަކާއި ވާހަކަ ނުދެއްކޭ ގޮތަށް ކުޑަ ގޮޅިއެއްގަ ބަންދުކޮށްފަ އޮތީ. ހޫނު ގަދަކަމުން އަބަދު އުޅެންޖެހުނީ ފާޚާނާގަ."
އިލްހާމް ވިދާޅުވީ މަޖިލިސް މެންބަރުންގެ ގޮނޑިތައް ގެއްލުވައިލުމުގެ ވާހަކަ ފުރަތަމަ ދެއްކީވެސް ރައީސް އޮފީހަށް މެންބަރުން ގެންގޮސްގެން ކަމަށާއި އެއީ ރައީސް ޔާމީނުގެ އަމިއްލަފުޅު ނިންމެވުމެއް ކަމަށެވެ. އެ ބައްދަލުވުމުގައި އިލްހާމް ނޫން ހުރިހާ މެނަބަރުން އަތް ޖަހަން ތިބީ ކަމަށާއި ނަމަވެސް އެއީ ގޯހެއް ކަމަށާއި އެކަން އެގޮތަށް ނުކުރެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ. ނަމަވެސް ސިނާން ޢާއި ޢާމިރު އިސްތިސްނާ ކުރައްވާ މޭރުމަކުންވެސް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ ރައީސް ޔާމީން ކިތަންމެ ބޭނުންފުޅުވި ނަމަވެސް އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލުވައި ނުލެވުނު ކަމަށާއި ގެއްލުބީ ރައީސް ޔާމީނުގެ ގޮނޑި ކަމަށެވެ.
އިލްހާމް ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖޭގެ ތަރައްޤީއަށް ކަންތައްތަކެއް ކޮށްފައި އެބަހުރި ކަމަށާއި ނަމަވެސް އެންމެ ބޮޑު މައްސަލައަކީ ކޮންމެ ކަމެއްވެސް އެތައް ގުނައަކަށް އަގުބޮޑުކޮށް ކޮށް އިތުރަށް ނަގާ ފައިސާ ޖީބަށްލައި ޖީބުފުރާފައިވުން ކަމަށެވެ. "ރައީސް ޔާމީނު ތަރއްޤީގެ މަސައްކަތްތައް ނުކުރާ ކަމަކަށް ދުވަހަކުވެސް ނުބުނާނަން. ތަފާތަކީ 10 ރުފިޔާއަށް ލިބޭ ތަކެތި 200 300 ރުފިޔާއަށް ގަނެ ޖީބަށް އަޅަމުން ގެންދިއުން." ކަމަށެވެ.