ކުރަން އުޅޭ ދަތުރެއް ނުކުރެވުމުން ކަންބޮޑުނުވެ އެއީ ތިމާއަށް ރަނގަޅަކަށް މެދުވެރިވި ކަމެއް ކަމަށް ބަލައިގަންނާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ކުރަން އުޅޭ ދަތުރެއް ނުކުރެވުމުން ކަންބޮޑުނުވެ އެއީ ތިމާއަށް ރަނގަޅަކަށް މެދުވެރިވި ކަމެއް ކަމަށް ބަލައިގަންނާށެވެ!: މުފްތީ މެންކް


ތިބާ ދަތުރަށް ތައްޔާރުވަމުއެވެ. މާކުރިން ދަތުރު ކުރާނެ ތާރީޚު ވެސް ކަނޑައަޅަމުއެވެ. އެދުވަހު ފުރަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުއެވެ. ޗުއްޓީ ވެސް ނަގަމުއެވެ. ދަތުރުކުރާނެ ޓިކެޓުވެސް ނަގަމުއެވެ.

ފުރަން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްގެން ދަތުރަށް ނުކުމެ ކާރަށް އަރައި އެއާޕޯޓަށް ދަތުރުފެށީއެވެ. އެއާޕޯޓަށް ދިއުމުން އެނގުނީ ފްލައިޓް ފުރުން ލަސްވެފައިވާ ކަމެވެ. ނުވަތަ ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ފްލައިޓް ކެންސަލްވިކަމެވެ.

ހަމަ އެފަދައިން ކޮންމެވެސް ތަނަކަށް ދިއުމަށް ގެއިން ނުކުމެ ދަތުރުފެށީއެވެ. ކޮނެމެވެސް ހިސާބަކުން މަގު ބަންދުވީއެވެ. ކުރިއަށް ދެވޭނެ ގޮތެއް ނެތުނީއެވެ. ހައިވޭ މައްޗަށް ބޮޑު ގަހެއްވެސް ވެއްޓިފައި އޮވެދާނެއެވެ.

މިފަދަ ހާލަތްތަކުގައި ބައެއް މީހުން ވަރަށް ބޮޑަށް ހާސްވެއެވެ. ފިކުރު ބޮޑުވެއެވެ. ތެޅި ފޮޅެއެވެ. ކުރަން އުޅުނު ދަތުރު، ކުރަން އުޅުނު ގޮތަށް ނުކުރެވުމުން ހޯދާފައި އެޕޮއިންޓްމަންޓް ކެންސަލްވުން އެއީ ހަތަރު އުދަރެސް ފެނުޖެހޭ ވަރުގެ ކަމަކަށް އެބަވެއެވެ.

މިފަދަ ހާލަތަތަކުގައި ވިސްނައިލުން މުހިންމު ބައެއް ކަންކަން އެބަހުއްޓެވެ. އެގޮތުން ޤަބޫލުކުރަންވީ އެއް ކަމަކީ އެ ދަތުރު ތިބާ ރޭވިގޮތަށް ކުރުމުން ކުރާނީ ފައިދާކަން ނުވަތަ ލިބޭނީ ގެއްލުންކަން ތިބާއަށްވުރެ މާމޮޅަށް ﷲ ތަޢާލާ ދެނެވޮޑިގެންވާ ކަމެވެ. ޔަޤީން ކުރަންވީ ކަމަކީ އަބަދުވެސް އަދި ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާ މިންވަރުފުޅު ކުރައްވަވާނީ އެންމެ ރަނގަޅު ގޮތް ކަމެވެ. އަހަރެމެންނަކަށް ޣައިބެއް ނުއެނގޭނެއެވެ. ވީމާ އަހަރެމެން ކަންކަން ތަދުބީރު ކުރަމުއެވެ. ކިތަންމެ ވަރަކަށް ތަދުބީރުކުރި ނަމަވެސް ތަޤްދީރުގައި ރޭވިފައި ނެތް ގޮތަކަށް ހަމަ އެއެއްވެސް ކަމެއް ނުކުރެވޭނެއެވެ.

މިވާހަކަކޮޅު ބުނެލަން މިޖެހުނީ ކުރަން އުޅޭ ދަތުރު ނުކުރެވިގެން ބައެއް މީހުން އެއާޕޯޓްތަކާއި އެހެންވެސް ތަންތަނުގައި އުޅޭ ގޮތް ފެނިފައި ކަންބޮޑުވާތީއެވެ. މުސްލިމުންގެ ފޭރާން ލައިގެން ތިބެމެ އިންތިހާއަށް ރުޅިގަދަވެ ބުނާ ބަސްތަކާއި ކުރާ އަމަލުތަކުން ލަދުގަންނަން ޖެހޭވަރުވާތީއެވެ.

އެއްވެސް އެއާލައިނަކުން ސަބަބެއް ނެތި ފްލައިޓް ކެންސަލެއް ނުކުރާނެއެވެ. ފުރުން ލަހެއްވެސް ނުކުރާނެއެވެ. އަހަރެމެން ކިތަންމެ ރުޅި ގަދަކުރި ނަމަވެސް ފުރޭނީ ހަމަ މައްސަލަތައް ހައްލުކުރެވި ފުރޭނެ ގޮތް ވުމުންނެވެ. ވީމާ ކެތްތެރިކަން އިސްކޮށްލުން ކީއްހެއްޔެވެ؟ އެއާޕޯޓުގައި މަޑުކޮށްލަން ޖެހިއްޖެނަމަ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި ޤްރްއާން ކިޔަވައިލުން ނުވަތަ މުރާޖަޢާކޮށްލުން ކީއްހެއްޔެވެ؟ ޛިކުރުކޮށްލުން ކީއްހެޔެވެ؟ ނުވަތަ އެނޫންވެސް ތިމާއަށް ފައިދާހުރި ކަމެއްކޮށލުން ކީއްހެއްޔެވެ؟

މިއަދު އެންމެންވެސް ބިޒީއެވެ. މިބުނި ފަދަ ކަންކަން ކޮށްލާނެ ވަގުތެއް އޮނަނީ ނުވެފައެވެ. ވީމާ އެއީ އެފަދަ ހެޔޮ އަމަލެއްކޮށްލަން ﷲ ތަޢާލާ ދެއްވެވި ފުރުޞަތެއް ކަމަށް ބަލައިނުގަންނަންވީ ކީއްވެގެން ހެއްޔެވެ؟ ފުރިހަމަ އީމާންތެރިންނަކީ ކޮންމެ ކަމެއްގައިވެސް ކޮންމެ ޙާލަތެއްގައިވެސް ﷲ ތަޢާލާ މިންވަރުކުރައްވަވާ ގޮތް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލުކުރާމީހުންނެވެ. ވީމާ ފުރިހަމަ އީމާންތެރިއަކަށް ވުމަށް މަސައްކަތް ކުރާށެވެ.
މިއަދު އޮންލައިން