ތޯމަސް ގެއަށް އެނބުރި އައީ ދަނަވަރު 2.00 ހައި އިރުއެވެ. އައިސް ބެލިއިރު ޖޭން އޮތީ ނިދައިފައެވެ. ޕާރުސަލް ވަނީ ކަނޑާފައި އަލުން ބަންދުކޮށްފައެވެ. ޕާރުސަލް މަތީގައި ކުޑަ ލިޔުން ކޮޅަކޮޅަކާއި ބައި އައުންސެއަހައި "ފެން" ހުރި ކުޑަ ފުޅިއެއް ހުއްޓެވެ. އެފުޅީގައި "ތޭންކް ޔޫ" ޖަހާއިވާ ކާޑެއްވެސް އެލުވާފއި އޮތެވެ.
ތޯމަސް އަވަސް އަވަހަށް ލިޔުންކޮޅު ނަގައި ކިޔައިލިއެވެ.
"ލޯބިވާ ފިރިމީހާއެވެ. އުމުރުން 50 އަހަރު ފުރުނީއެވެ. ކައިވެންޏަށް 27 އަހަރު ފުރުނީއެވެ. އުފަން ދުވަސްމަތިން ހަނދާންހުރި ކަމަށްޓަކާ އުފާ ކުރަމެވެ. މިއީ ވަރަށް އަގު ބޮޑު ހާރެއްކަން އެނގެއެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. ނަމަވެސް ތިއަ ހާރުން ހިފޭނެ އެއްވެސް ބޭނުމެއް ނެތުމުން އަނބުރާ މިދިނީ ޝުކުރުވެރިވާ ޙާލު ހަމަ އުފަލުން ހުރެއެވެ.
ލޯބިވާ ފިރިމީހާއެވެ. އަހަރެންނަކީ ވެސް އިންސާނަކީމެވެ. އަންހެނަކީމެވެ. ފރިއަކާއިއެކު ވަގުތު ހޭދަކުރަން ބޭނުންވަނީ އެހެންވެގެންނެވެ. ގޭގައި ގެންގުޅޭ ކުއްތާ އެކަމަކަށް ބޭނުމެއް ނުވެއެވެ. އެކަން ބޭނުންވުމުން ކައިރިވެލާފައި ފުއްދައިލުމުން ހުރިހާ ކަމެއް އެ ނިމުނީއެވެ. ތޯމަސްއަށް އަހަރެންގެ ބޭނުން ތިއަ ކުރެވެނީ ހަމަ އެ އުޞޫލުންނެވެ.
ލޯބިވާ ފިރިމީހާއެވެ. ކިތަންމެ އަގު ބޮޑު ހާރެއް ނަމަވެސް ފޮށީގައި ބާއްވާފައި އޮތުމުން ލިބޭނީ ކޮން އުފަލެއް ހެއްޔެވެ؟ އަޅައިގެން ބޭރަށް ނުކުމެ ނުއުޅެވޭނަމަ އެއިން ހިފޭނީ ކޮން ބޭނުމެއް ހެއްޔެވެ؟ އަހަރެންނަކީ ޖަވާހިރު އެއްކުރަން ޝައުޤުވެރިކަން ހުރި އަންހެނެއް ނޫނެވެ. އަހަރެން ބޭނުންވަނީ ހާރު އަޅައިގެން ތޯމަސް އާއިއެކު ބޭރަށް ނުކުމެ އުޅޭށެވެ. ގޭގައިވެސް ވަގުތު ހޭދަކުރާށެވެ. އެކަންކަން ކޮށްދެވެން ތޯމަސްއަށް ނެތުމުން ތިއަ ހާރު ކިތަންމެ އަގު ބޮޑު ނަމަވެސް އެއިގެ އެއްވެސ ބޭނުމެއް ޖޭންއަށް ނެތުމުން ހަމަ ހިތްހެޔޮ ކަމާއިއެކު އަނބުރައި ދިނީއެވެ. ޤަބޫލުކުރާނެ ކަމަށް ހީކުރަމެވެ.
ތޯމަސްއަށް "ތޭންކް ޔޫ" ބުނަން އަގު ބޮޑު ހަދިޔާއެއް ގަނެދޭނެ ފައިސާއެއް އަތަކު ނެތެވެ. ތިއަ ކުޑަ ފުޅީގައި ތިއަ ހުރީ މިރޭ އަހަރެންގެ ލޮލުން ފޭބި ފެނެވެ. ކަރުނައެވެ ބުނާކަށް ނެތީމެވެ. އެއީ އަހަރެން ކޮންމެ ރެއަކު މި ރޯ ރުއިމުން 27 އަހަރު ތެރޭ ފޭބި ފެނުން، މިރޭ ފޭބި ފެނުގެ މިންވަރެކެވެ. ވީމާ "ތޭންކް ޔޫ" އަކަށް ޤަބޫލުކުރާނެ ކަމަށް ހީކުރަމެވެ.
މިކަމާ ރުޅި ނުއަންނާނެ ކަމަށް އުންމީދުކުރަމެވެ. އުފަލުން ހުރެ ހެނދުނު ވެސް ބައްދަލުކުރާނަމެވެ. ހިތަކަށް އޮތީ ހިލަގަނޑަކަށް ނުވާތީ 27 އަހަރު ފަހުން ނަމަވެސް ހިތުގެ އިޙްޞާޞްތައް ބަޔާން ކުރެވުނީއެވެ. ވަރަށް ބޮޑަށް ސޮރީ!އެވެ.
"ކަލޭ ކައިވެނިކޮށްގެން އުޅޭ ޖޭން."
ލިޔުން ކިޔައި ނިމުނުއިރު ތޯމަސްއަށްވެސް ހުރީ އަސަރުތަކެއް ކޮށްފައެވެ! ނިދީ އަނބިމީހާ ވޭނީ އާދޭސް ޤަބޫލުކޮށް އަމަލުކުރަން އަޒުމް ކަނޑައަޅައިގެންނެވެ.