އެންމެންގެ މޫނުމަތިން މިއަދު ފެންނަނީ ހިނިތުންވުން ކަމަށާއި ފެނިގެން މިދަނީ ކޯލިޝަނުގެ ގުޅުން ބަދަހިކަމާއެކު ދެމެހެއްޓޭނެ ކަމުގެ ޔަޤީންކަން ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެއާޕޯޓުގައި ހުންނަވައިގެން ރައީސް ޞާލިޙް މިއަދު ވިދާޅުވީ ޑިމޮކްރަސީއަށް ރައްޔިތުން ކުރަމުން އައި މަސައްކަތްތަކަށް 2008 ވަނަ އަހަރު ކުރިއެރުން ލިބުނު ކަމަށާއި ނަމަވެސް ގެއްލި ދިއައީ ކަމަށެވެ. އެހެންކަމާއިއެކުވެސް ރައްޔިތުން ހިއްވަރާއިއެކު ކުރަމުން އައި ބުރަ މަސައްކަތްތަކުގެ ނަތީޖާ މިއަދު މިވަނީ ފެނިފައި ކަމަށެވެ.
އިންތިޚާބީ ރައީސް، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ދުވަހުން ފެށިގެން މުޅި ޤައުމުން ދަނީ ބޮޑެތި ބަދަލުތަކެއް ފެންނަމުންނެވެ. ގިނަ ބައަކު އެންމެ ބޮޑަށް އުންމީދުކުރަނީ ރައްޔިތުންގެ މެދުގައި ހަމަހަމަކަން އޮތުމަށާއި އަދުލުވެރިކަން ޤާއިމުވެފައި އޮތުމަށެވެ.